ޚަބަރު

"އިދިކޮޅު ފަރާތްތަކުން އުޅެނީ ކޯޓުތަކަށް ނުފޫޒުފޯރުވަން"


ޤާނޫނާ ޚިލާފުވިކަމުގެ "ތުހުމަތުގައި" މީހަކު ހައްޔަރުކުރުމުން އެމީހަކު ހައްޔަރުކޮށްފައިވަނީ ހެތްކެތް ނެތިކަމަށް ބުނެ ބައެއްމީހުން ވާހަކަފަތުރަނީ، ކޯޓުތަކަށް ނުފޯޒު ފޯރުވުމަށްކަމަށް ފިޝަރިޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ތުހުމަތުކުރައްވައިފިއެވެ. 

ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއައީ، ހެއްކެއް ޤަރީނާއެއް ނެތިކަމަށް ބައެއް ސިޔާސީމީހުން ބުނަމުންދާ ދިއުމަށް ރައްދުދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވީ، ފާރިސް މައުމޫނަކީ ކުށްވެރިއެއްކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަމަށާއި، ތުހުމަތު ކުރެވޭ މައްސަލައެއްގައި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއައީކަމަށެވެ. ފާރިސްގެ މައްޗަށް ހެކި ހުށައެޅުމުގެ މަރުހަލާ ނުފެށެނީސް  ތަފާތު ވާހަކަތައް ފަތުރަމުންދަނީ ކޯޓަށް އެމައްސަލަ ދިއުމުގެ ކުރިން އެކަމާމެދު މީހުންގެ ހިތްތަކުގައި ޝައްކު އުފެއްދުމަށްކަމަށްވެސް ޑރ.ޝިއިނީ ވިދާޅުވިއެވެ.

ކޮންމެ މީހަކުނަމަވެސް ކުށެއް ކޮށްފިނަމަ އެމީހަކާދޭތެރޭ ޤާނޫނުގައިވާ ގޮތުގެ މަތިން ވިޔަވަޅު އެޅޭނެކަމަށާ، މިއަދު ރާއްޖެއިން ފުރަތަމަފަހަރަށް ފެންނަމުން މިދަނީ ވަކި މީހަކަށް ވަކި ޢާއިލާއަކަށް ބެލުމެއްނެތި ކޮންމެ މީހެއްގެ މައްޗަށްވެސް ޤާނޫނު ތަންފީޒުކުރުމުގެ މަރުހަލާތައް ކުރިއަށްދާ މަންޒަރުކަމަށް މިނިސްޓަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. 

ޑރ. ޝައިނީ ވިދާޅުވީ ކޮންމެ މީހަކުނަމަވެސް ޤާނޫނުތަކާއި ޤަވާއިދުތަކާ ޚިލާފަށް ކަމެއް ކޮށްފިނަމަ ޤާނޫނު އެމީހެއްގެ ފަހަތުން ދާނެކަމަށާއި، އެއީ ކޮންމެ ޤައުމެއްގައިވެސް އެކަން އޮންނަ ގޮތްކަމަށެވެ. ކުށެއްގެ ތހުމަތުގައި މީހަކު ހައްޔަރު ކުރުމުން އެއީ، ރާއްޖެއަށް ބޭރުގެ ފަރާތަކުން ނުވަތަ އެހެންވެސް ޖަމާއަތެއްގެ ނުފޫޒު ފޯރުވޭނެ ކަމެއްނޫންކަމަށާއި، އެއްވެސް ފަރާތެއްގެ ނުފޫޒެއް މިވަގުތު ރާއްޖެއަށް ނެތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއާއި ކުރިމަގު ބައްޓަންކުރުމަށް ރައީސް ޔާމީން އިސްވެ އިދިކޮޅު ސިޔާސީ ފަރާތްތަކާއި މަޝްވަރާކުރެއްވުމަށް އަބަދުވެސް އޮތީ ފުރުސަތު ހުޅުވާލާފައި ކަމަށާއި، މިހާތަނަށްވެސް ޤައުމީ މަސްލަހަތު ހުރި އެއްވެސް ކަމެއްގައި ސަރުކާރާއެކު މަޝްވަރާކުރުމަށް އެއެއްވެސް ފަރާތަކުން އައިސްފައި ނުވާކަމަށެވެ.