ކުޅިވަރު

ވިކްޓްރީއަށް ފުރުޞަތު ގެއްލި، ގްރީން ސްޓްރީޓް ގަދަ ހަތަރަކަށް


ވިކްޓްރީއަށް ފުރުޞަތު ގެއްލި، ގްރީން ސްޓްރީޓަށް ދިވެހި ޕްރިމިއަރ ލީގުން ޖާގަ ކަށަވަރުވެއްޖެއެވެ. 

މޮޅުވެގެން ދިވެހި ލީގުގެ ފުރުޞަތު ހޯދެން އޮތް ވިކްޓްރީއަށް ފުރުޞަތު ގެއްލުނީ މިރޭ 4-1 ން ޓީސީ އަތުން ބަލިވުމުންނެވެ. މޮޅުވެގެން ނޫން ގޮތަކަށް ދިވެހި ލީގަށް އުއްމީދުކުރުމުގެ ފުރުޞަތުވެސް ނެތް ޓީސީން ވަނީ މެޗުގެ ފުރަތަމަ މިނިޓުން ފެށިގެންވެސް މެޗު ކޮންޓްރޯލްކޮށް ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ލަނޑު 26 ވަނަ މިނިޓްގައި ޖެހީ އިބްރާހީމް މަހުދީއެވެ. އޭގެ ކުރިން އޭނާ އަތުން މުޅިން ހުސް ފުރުޞަތެއް ގެއްލުނެވެ. ދެވަނަ ހާފްގައި ޓީސީގެ ދެވަނަ ލަނޑު ޖެހީ އިބްރާހީމް ވަހީދެވެ. 

ވިކްޓްރީން ކެރިކް ލަނޑެއް ޖަހާ ފަރަޤު ކުޑަކުރި ނަމަވެސް އިތުރު ފުރުޞަތެއް ނުދީ ޓީސީގެ ސްޓެވާޓާއި، މުޙައްމަދު އައްޒާމް ލީޑް ފުޅާކޮށްދިނެވެ. މިމޮޅާއެކުވެސް ޓީސީއަށް ދިވެހި ލީގުން ޖާގަ ލިބޭނީ މާދަމާ ހަވީރު ގްރީން ސްޓްރީޓް އަތުން އީގަލްސް ބަލިވެގެންނެވެ. ވިކްޓްރީ މިރޭ ބަލިވުމުން 24 ޕޮއިންޓާއެކު އޮތް ގްރީން ސްޓްރީޓަށް ވަނީ ދިވެހި ލީގުން ޖާގަ ކަށަވަރުވެފައެވެ. 

މެޗަށްފަހު ޓީސީގެ ކޯޗު މުޙައްމަދު ނިޒާމް ބުނީ ޓީސީގެ މަސައްކަތް ފުރިހަމަ ކުރެވުނީ ކަމަށާއި، އުއްމީދު ކުރަނީ ޓީސީއަށް ދިވެހި ލީގުން ފުރުޞަތު ލިބޭނެކަމަށެވެ. 

" ޓީސީގެ މަސައްކަތް މި ނިމުނީ. އުއްމީދުކުރަނީ ދިވެހި ލީގުގައި ޓީސީ އޮންނާނެކަމަށް. ޑިޒާވް ޓީމްތަކަށް ފުރުޞަތު ލިބޭނެ " ނިޒާމް ބުންޏެވެ.

ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނީ މެޗުގައި ރަނގަޅު ރޫހެއްގައި މުޅި މެޗުގައިވެސް ކުޅުނީ ޓީސީން ކަމަށާއި، ވިކްޓްރީގެ ފަރާތުން ހިތްވަރު ނުފެނުނު ކަމަށެވެ. އަދި ކްލަބްގައި ހުރި މައްސަލަތަކުގެ ސަބަބުން ކުޅުންތެރިން ހިތްވަރު ކުރަން ބާރުވެސް ނުލިބޭކަމަށެވެ. ކްލަބްގައި ދެމި ހުރުމާމެދުވެސް ގޮތެއް ނިންމާނެކަމަށް ސުޒޭން ބުންޏެވެ.

" މުޅި މެޗުގައިވެސް ރަނގަޅު މޯޓިވޭޝަނެއްގައި ކުޅުނީ ޓީސީ. ވިކްޓްރީގެ ފަރާތުން އެހިތްވަރެއް ނުފެނުން. މިހާލަތުގައި ކްލަބްގައި ދެމިހުރުމާމެދު ގޮތެއް ނިންމާނަން " ސުޒޭން ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ގްރީން ސްޓްރީޓާއި، އީގަލްސް ވާދަކުރާ މެޗާއި، މާދަމާރޭ ނިއުރޭޑިއަންޓާއި މާޒިޔާ ވާދަކުރާ މެޗުވެސް ޔެސް ޓީވީން ވަގުތުން ދައްކާނެއެވެ. ލީގު ޗެމްޕިއަން ޓީމް ޔަޤީންވާނީ މާދަމާރޭގެ މެޗަށްފަހުއެވެ.