ތިމާވެށި

ކުނި މެނޭޖްކުރުމާބެހޭ މަހާސިންތާއެއް ގއ.ވިލިނގިލީގައި ފަށައިފި


ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖުކުރުމާބެހޭ މަހާސިންތާ ގއ.ވިލިނގިލީގައި ފަށައިފިއެވެ. 

މި މަހާސިންތާގައި ޒޯން ހައެއް ހަތެއްގައި ހިމެނޭ ހުވަދުއަތޮޅުގެ ހުރިހާ ރަށަކާއި ފުވައްމުލަކާއި، އައްޑޫސިޓީން ސަތޭކައެއްހާ މަންދޫބުން ބައިވެރިވެއެވެ. މި މަހާސިންތާއަކީ، އިންޓަނޭޝަނަލް ފޮރ ގުލޯބަލް އެންވަޔަރަމަންޓް ސްޓްރެޓަޖީ އައި.ޖީ.އީ.އެސްގެ އެހީތެރިކަމާއެކު ދިވެހި ސަރުކާރުން ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ. 

މި މަހާސިންތާއާ ގުޅޭގޮތުން އެންވަޔަރަމަންޓް މިނިސްޓަރގެ ނާއިބް ޢަލީ ޢާމިރު ވިދާޅުވީ، މި މާސިންތާގެ ބޭނުމަކީ ރަށު ފެންވަރުގައާއި ސަރަޙައްދީ ފެންވަރުގައި ކުނި މެނޭޖްކުރުމާބެހޭ ޕްލޭން ތައްޔާރުކުރުންކަމަށެވެ. މިގޮތުން އައްޑުއާއި ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރުމުގެ ސިޔާސަތު އެކުލަވާލުމުގެ މަސައްކަތް ވެމްކޯގެ އެހީތެރިކަމާއެކު ކުރިޔަށްގެންދާކަމަށް ޢަލީ ޢާމިރު ވިދާޅުވިއެވެ.

މި މަހާސިންތާގައި މަޢުލޫމާތު ދެއްވަނީ އެންވަޔަރަމަންޓް މިނިސްޓްރީގެ ކަމާބެހޭ ބޭފުޅުންނާއި ވެމްކޯގެ ބޭފުޅުންނެވެ. ކުނި މެނޭޖްކުރުމުގެ ޤައުމީ ސިޔާސަތާއި އެކަމަށް ހެދިފައިވާ ޤާނޫނާއި ޤަވާޢިދުގެ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސަރައްޙައްދުގައި ހިންގާ ސަރަޙައްދީ ކުނި މެނޭޖްކުރުމުގެ މަޝްރޫޢާ ގުޅޭގޮތުންވެސް ބައިވެރިންނަށް މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ތިންދުވަހުގެ މަހާސިންތާއެކެވެ.