ދުނިޔެ

ކުއްލި ޙާލަތު 3 މަސްދުވަހަށް އިތުރުކުރުމަށް ފާސްކޮށްފި


ތުރުކީވިލާތުގައި އިއުލާނުކޮށްފައިވާ ކުއްލި ޙާލަތު، ތިން މަސްދުވަހަށް އިތުރުކުރުމަށް ތުރުކީވިލާތުގެ ޤާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.

ތުރުކީވިލާތުގެ ބޮޑު ވަޒީރު ބިންޢަލީ ޔެލްދްރިމް ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުއްވި މި ހުށަހެޅުމަށް ތުރުކީގެ ވެރިކަންކުރާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ އިތުރުން އިދިކޮޅު ނޭޝަނަލިސްޓް މޫވްމަންޓް ޕާޓީ އެމް.އެޗް.ޕީއިން ވެސް ތާއީދުކޮށްފައިވެއެވެ. ހުސްވި އަހަރުގެ ޖުލައި މަހު ތުރުކީވިލާތުގައި ކުއްލި ޙާލަތު އިއުލާނުކޮށްފައިވަނީ އެ ޤައުމުގެ ސިފައިންގެ ބަޔަކު ނިކުމެ ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތްތަކާ ގުޅިގެނެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހުގެ މި ރޭވުން ނާކާމިޔާބު ކޮށްލާ ތުރުކީ ސަރުކާރުން އެގައުމުގައި ކުއްލި ޙާލަތު އިއުލާންކުރީ 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. އެއަށްފަހު ތުރުކީ ސަރުކާރުން ވަނީ ހަތަރު ފަހަރެއްގެ މަތިން ކުއްލި ޙާލަތުގެ މުއްދަތު އިތުރުކޮށްފައެވެ.

ތުރުކީވިލާތުގެ ޤާނޫނު އަސާސީ ބުނާގޮތުން އެ ގައުމުގައި ކުއްލި ޙާލަތު އިޢުލާންކުރެވޭނީ، ގިނަވެގެން ހަ މަސްދުވަހުގެ މުއްދަތަކަށެވެ. ކުއްލި ހާލަތުގެ މުއްދަތުގައި ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ނުހޯދާ ޤާނޫނުތައް ފާސްކުރުމާއި، ސަރުކާރުން ބޭނުންވާ ބައެއްގެ ހައްޤުތަކާއި މިނިވަންކަން ހަނިކުރުމުގެ ބާރު ތުރުކީގެ ރައީސާއި ވަޒީރުންގެ މަޖިލީހަށް ލިބެއެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން މިކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށާއި އުރުދުޣާންގެ ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާ އެކްޓިވިސްޓުންނާއި ނޫސްވެރިންވެސް ހައްޔަރުކުރަމުންދާކަމަށެވެ.