ޚަބަރު

ލަންކާއަށް ދަތުރުކުރި ދިވެހިންގެ އަދަދު މަދުވެއްޖެ


ޗުއްޓީ ހޭދަކުރަން ދިވެހިންގެ މެދުގައި މަޤްބޫލް މަންޒިލެއް ކަމަށްވާ ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންގެ އަދަދު ހުސްވި ޖޫންމަހުވެސް ދަށަށް ގޮސްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކުވެސް ސްރީލަންކާއަށްދާ ދިވެހިންގެ ޢަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދަނީ ދަށްވަމުންނެވެ.

ޖޫންމަހު އީދު ޗުއްޓީގެ ގޮތުގައި ގިނަ ދުވަސްތަކެއް ސަރުކާރު ބަންދުވި ނަމަވެސް ސްރީލަންކާއަށް ދަތުރުކޮށްފައިވާ ދިވެހިންގެ އަދަދު ވަނީ ހުސްވި އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު، ފަހެއް ޕޮއިންޓް ނުވައެއް އިންސައްތަ ދަށަށް ގޮސްފައެވެ.

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ސްރީލަންކާއަށް ތިރީސް ހަތަރުހާހަށްވުރެ ގިނަ ދިވެހިން ދަތުރުކޮށްފައިވާއިރު، މިއީ ފަނަރަ އިންސައްތަ ދަށް އަދަދެކެވެ.

ސްރީލަންކާގެ ޓޫރިޒަމް ޕްރޮމޯޝަން އޮފީހުން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި ޖޫންމަހުގެ ނިޔަލަށް ސްރީލަންކާއަށް އެއްމިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެއަކީ، ސްރީލަންކާއަށް އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ދިހަ ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެހެންނަމަވަސް މިއަހަރުގެ މިހާތަނަށް ކޮންމެ މަހަކުވެސް ސްރީލަންކާއަށް ދާ ދިވެހިންގެ ޢަދަދު މިދިޔަ އަހަރުގެ އެމުއްދަތާ އަޅާބަލާއިރު ދަނީ ދަށްވަމުންނެވެ. ޖޫންމަހުގެ ނިޔަލަށް ސްރީލަންކާއަށް އެންމެ ގިނައިން ދަތުރުކޮށްފައިވަނީ، އިންޑިއާގެ ފަތުރުވެރިންމެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި އިންޑިއާއިން ސްރީލަންކާއަށް ސަތޭކަ ހަތްދިހަ ދެހާސް އަށްސަތޭކައަށްވުރެ ގިނަ ފަތުރުވެރިން ދަތުރުކޮށްފައިވެއެވެ. ދެވަނައަށް އެންމެ ގިނައިން ސްރީލަންކާއަށް ގޮސްފައިވަނީ، ޗައިނާގެ ފަތުރުވެރިންނެވެ. މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ސްރީލަންކާއަށް ސަތޭކަ ތިރީސް ހަތަރުހާސް ހަތްސަތޭކައަށް ވުރެގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.