ޚަބަރު

"އައިއެމްއެފްގެ ލަފަޔާ އެއްގޮތަށް ސަރުކާރުން ވަނީ އަމަލުކޮށްފައި"


ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ސަބްސިޑީގެ ސިޔާސަތަށް ގެނައި ބަދަލާއި، ވަޒީފާއާއި މުސާރަދިނުމުގެ ސިޔާސަތު އައިއެމްއެފުން ދީފައިވާ ލަފަޔާ އެއްގޮތަށް ތަންފީޒުކޮށްފައިވާކަން އައިއެމްއެފުގެ ވަފުދުން ފާހަގަކޮށްފިއެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑު، އައިއެމްއެފްގެ ވަފްދުން މިކަން ފާހަގަކޮށްފައިވަނީ އައިއެމްއެފްގެ އާރޓިކަލް 4 ގެ މަޝްވަރާތައް ބޭއްވުމަށްޓަކައި ރާއްޖެއަށް ފޮނުވި ވަފްދުން ނެރުނު ބަޔާނުގައެވެ.

އައިއެމްއެފްގެ ވަފްދުން ވަނީ ދައުލަތުގެ މާލިއްޔަތު މެނޭޖްކުރުން ހަރުދަނާކުރެވިފައިވާކަން ފާހަގަކޮށްފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ކުރަންޖެހިފައިވާ އިތުރު ހޭދަތައް ފޫބެއްދުމަށްޓަކައި އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދައުލަތުގެ ހަރަދާއި އާމްދަނީ މެނޭޖްކުރުމަށް އާމްދަނީއާއި ޚަރަދުގެ ސިޔާސަތު އިޞްލާޙްކޮށް، ފިސްކަލް ކޮންސޮލިޑޭޝަނަށް އިސްކަންދީގެން ކުރިޔަށް ގެންދިޔުން މުހިއްމުކަމަށް އައިއެމްއެފްގެ ވަފްދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވި ފިލިޕް ކަރަމް ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހި ކުރުމުގެ ގޮތުން އިންވެސްޓްމަންޓްތަކާއި ކަރަންޓް އުފެއްދުމާއި އިއާދަކުރުވަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމާއި ކުނި މެނޭޖްކުރުމުގެ ނިޒާމް ޚަރުދަނާކުރުމާއި އަދި މަސައްކަތްތެރީންގެ ހުނަރުވެރިކަން އިތުރުކުރުމަށް މަގުފަހިވާނެފަދަ ގޮތަކަށް ވަޒީފާއާ ބެހޭ ސިޔާސަތުތައް ބައްޓަންކުރުމަކީ އައިއެމްއެފްގެ ވަފްދުން ތާއީދު ކުރާ ސިޔާސަތުތަކެއްކަމަށާއި އިގްތިސާދުގެ އެކިއެކި ދާއިރާތަކުގައި ވާދަވެރިކަން އިތުރުކުރުމާއި އިގްތިސާދީ ހަރަކާތްތައް އިތުރު ކުރުމަކީ މުހިއްމުކަމެއްކަމަށް އައިއެމްއެފްގެ ވަފްދުން ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖެ އަކީ ކުޑަ އަދި ހުޅުވާލެވިފައިވާ އިގްތިޞާދަކަށްވެފައި، ޑޮލަރަށް ބަރޯސާވާ މިންވަރުގެ ސަބަބުން ޔޫއެސް ޑޮލަރަށް ޕެގްކުރެވިފައިވާ އެކްސްޗޭންޖް ރޭޓް ނިޒާމަކީ މިވަގުތަށް ރާއްޖެއަށް އެންމެ އެކަށީގެންވާ ނިޒާމުކަމަށް އައިއެމްއެފްގެ ވަފްދުން ފާހަގަކުރިއެވެ.

އެހެންނަމަވެސް، އޭޝިއާ ސަރަހައްދުން ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވެ ތަރައްގީގެ އެކިއެކި ކަންކަމަށް މިސަރަހައްދުން ހޯދާ ފައިނޭންސް އިތުރުވެއްޖެނަމަ، މުސްތަގްބަލުގައި ރާއްޖޭގެ އެކްސްޗޭންޖް ރޭޓް ނިޒާމް އިމްޕޯޓް ވެއިޓެޑް ކަރަންސީ ކޮމްޕޮސިޓަކަށް ބަދަލުކުރުމާމެދު ވިސްނުމަށް ވަފުދުންވަނީ ލަފާދީފައެވެ. މީގެ އިތުރުން، ބޭންކުތަކަށް މެދުވެރިވެދާނެ އެކިއެކި ހިރާސްތައް ކުޑަކުރުމުގެ ގޮތުން ބޭންކްތަކުގެ ސްޓްރެސް ޓެސްޓްހަދާ އަދި ބޭންކްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމުގެ ކަންކަން ހަރުދަނާ ކުރުމަށްކުރާ މަސައްކަތް ކުރިޔަށް ގެންދިޔުން މުޙިއްމު ކަމަށް އައިއެފްގެ ވަފްދުން ބުނެއެވެ.