ޚަބަރު

"ޕީޕީއެމްގެ ބައެއް މެމްބަރުން ވަކިވީ އަމިއްލަ މަސްލަޙަތުގައި"


މަޖިލީހުގައި ޕީ.ޕީ.އެމް ތަމްސީލުކުރާ ބައެއް މެންބަރުން އެ ޕާޓީން ވަކިވާން ސިޓީ ފޮނުވާފައިވަނީ، ނާޖާއިޒު ގޮތުގައި އަމިއްލަ މަސްލަހަތަށް ކޮންމެވެސް ކަންތައްތަކެއް ނުވެގެންކަން ފާހަގަކުރެވޭކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިޒް ވިދާޅުވެޖެއެވެ. 

މިނިސްޓަރ ވިދާޅުވީ، މަޖިލީހުގެ މެންބަރުން، ޚާއްސަކޮށް ޕީ.ޕީ.އެމްގައި ތިބެފައި އެޕާޓީން ވަކިވާން މަސައްކަތްކުރާ މެންބަރުން އެކަންކުރަންވީ އެއްވެސް ސަބަބެއް ނެތްކަމަށެވެ.

ޕީ.އެސް.އެމް ނިއުސް އިން ގެނެސްދޭން ފެށި "މަޖިލީހުގެ ގޮނޑިއާއި ވޯޓު ވިއްކުން ނިމުމަކަށް" މި ޕްރްގްރާމްގައި ވާހަކަފުޅުދައްކަވަމުން، ޑރ. މުޙައްމަދު މުއިޒް ވިދާޅުވީ، ސަރުކާރު ހިންގާ ޕާޓީއަށް ތާޢިދުކޮށް  ރައްޔިތުން އެދާއިރާއެއްގެ ހެވާއި ލާބައަށް ހޮވާފައިވާ މެންބަރަކު، ރައްޔިތުންނާއި މެންބަރާދެމެދުވީ އަޙުދު ދޫކޮށް ތަމްސީލުކުރަމުން އައި ޕާޓީން ވަކިވުމަކީ، ވޯޓު ދިން މީހުންގެ އެތައް ޙައްގުތަކެއް ގެއްލިގެންދާނެ ކަމެއްކަމަށެވެ. އެއީ މުޅިންހެން އަމިއްލަ މަސްލަހަތެއްގައި ކުރާކަމެއްކަން ފާހަގަކުރައްވަމުން  މިނިސްޓަރ ވިދާޅުވީ، ދާދި ފަހުން ޕީ.ޕީ.އެމުން ވަކިވާން ސިޓީ ހުށައަޅާފައިވާ ދިހަ މެންބަރުންގެ ތެރެއިން ބައެއް މެންބަރުން، ވަކި މަޝްރޫއުތަކެއް އެމެންބަރުންނާއި ގުޅުހުން ހުރި ކުންފުނިތަކާއި ހަވާލުކުރަން އެދިފައިވާކަމަށެވެ. 

ނަމަވެސް އެފަދަ ތަރައްޤީގެ މަޝްރޫޢުތަކަކީ ވަކި ގޮތަކަށް އިއުލާން ކުރެވިގެން ކުރިއަށްގެންދަން ޖެހޭ ކަމެއްކަން  ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ އެކަމާ ހިންހަމަނުޖެހިގެން ބައެއް މެންބަރުން ދާކަމަށެވެ. އޭގެ ފަހުން ހަމަ އެމެންބަރުން މަޖިލީހުގެ ރައީސްގެ އިތުބާރުނެތްކަމަށް މަޖިލީހަށް ވައްދަން ޕެޓިޝަނުގައި ސޮއިކުރުމަށްފަހު، ސަރުކާރުކާރުގެ ތެރެއިން ހައުސިންގ މިނިސްޓްރީން އެމެންބަރުން ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހަމަނުޖެހުނުކަމަށް ބުނެ ވާހަކަދައްކާފައިވާކަމަށެވެ. 

ކޮރަޕްޝަނަށް މަގުފަހިވާފަދަ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، ކޮރަޕްޝަނަށް މަގުފައިވާގޮތަށް މަޖިލީހުގެ މެންބަރުން ކުރާ ތަފާތު ނޭދެވޭ އަމަލުތައް، މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ކަނަޑައަޅައި ސްޕްރީމް ކޯޓުންކުރި ހުކުމާގުޅިގެން ހުއްޓިގެންދާނެ ކަމަށް ޤަބޫލުކުރައްވާކަމަށް މިނިސްޓަރ ޑރ. މުޙައްމަދު މުއިޒްވަނީ ވިދާޅުވެފައެވެ. 

ސަރުކާރުން މުޅި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ދެކުނުގައި އެންމެ ގިނަ މަޝްރޫޢު ހިންގާ ގދ. ތިނަދޫއަށް އަލިއަޅުއްވާލައްވައި މިނިސްޓަރ މުޢިޒްވަނީ ވާހަކަފުޅު ދައްކަވާފައެވެ. މިނިސްޓަރ ވިދާޅުވީ، ތިނަދޫއަކީ ވަރަށް މުހިއްމު އިސްކަމެއްދީގެން ތަރައްޤީގެ ބޮޑެތި މަޝްރޫޢުތައް ސަރުކާރުން ކުރިއަށް ގެންދަވާ ރަށަކަށްވީއިރު، ތިނަދޫ ތަމްސީލުކުރުމަށް އެދާއިރާގެ ރައްޔިތުން ހޮވާފައިވާ ޕީ.ޕީ.އެމްގެ ދެމެންބަރުން ސަރުކާރު ހިންގާ ޕާޓީން ވަކިވާން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާކަމަށެވެ.

ވަކި ޕާޓީއެއްގެ ފިކުރަކަށް ބެލުމެއްނެތި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއް ތަރައްގީކުރައްވަމުން ގެންދަވާނެކަމަށާއި، ނަމަވެސް އިދިކޮޅު އެމް.ޑީ.ޕީގެ ގިނަ މެންބަރުން ވޭތުވެދިޔަ އެއްވެސް ބަޖެޓަކަށް ވޯޓު ނުދެއްވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރު ޒިންމާދާރުކުރުމަކީ ކުރަން ޖެހޭކަމެއްކަމަށާއި، ނަމަވެސް ސަރުކާރު ވައްޓާލަން ނުވަތަ ސަރުކާރަށް ޖެއްސުންކުރުމަށް ކުރާކަންކަން ކާމިޔާބުވާނެކަމަށް ދެކިގެން ނުވާނެކަމަށް މިނިސްޓަރ މުޢިޒް ވިދާޅުވިއެވެ. 

ކޮރަޕްޝަން ހުއްޓުވުމައްޓަކައި ކަމާގުޅުންހުރި މުއްސައްސާތަކުން އިތުރަށް މަސައްކަތް ކުރުން މުހިއްމުކަމަށާއި، ސަރުކާރުގެ އެހެނިހެން މުއައްސަސާތަކުންވެސް ކޮރަޕްޝަނާދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވުމަށް މިނިސްޓަރ މުޢިޒް ވަނީ ގޮވާލައްވާފައެވެ.