ޚަބަރު

ކިންގްޚާލިދު ޔުނިވަރސިޓީގެ ބައިނަލްއަޤްވާމީ ޕްރޮގްރާމް ރާއްޖޭގައި


ސަޢޫދީ ޢަރަބިއްޔާގެ ކިންގް ޚާލިދު ޔުނިވަރސިޓީގެ ފަރާތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ނިންމި ފުރަތަމަ ބައިނަލްއަޤްވާމީ ޕްރޮގްރާމް ދިވެހިރާއްޖޭގައި ފަށައިފިއެވެ.

"ބަލާޣު" ގެ ނަމުގައި، އިސްލާމިކް ޔުނިވަރސިޓީގައި ފެށި މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މި ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ސަޢުދީ ޢަރަބިއްޔާގެ ޔުނިވަރސިޓީތަކާ ގުޅުން ރަނގަޅުވެ، އެގުޅުން ވަރުގަދަވެގެންދާ ކަމުގެ މުހިންމު ހެއްކެއް ކަމަށެވެ. އަދި، ކިންގް ޚާލިދު ޔުނިވަރސިޓީން ރާއްޖެއަށް އިސްކަންދީ މި ޕްރޮގްރާމް ރާއްޖޭގައި ހިންގަން އެޔުނިވަރސިޓީގެ ވަފުދެއް ފޮނުވުމަކީ ރާއްޖޭގެ ތަޢުލީމީ މުއައްސަސާތަކަށް އެބޭފުޅުންގެ ހިތްތަކުގައި އޮތް ލޯބި ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ސިފަކުރެއްވިއެވެ. 

މި ޕްރޮގްރާމްގެ ތެރެއިން ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އަމާޒުކޮށްގެން އަންނަ ބުދަ ދުވަހު އިންޓަރވިއު ކުރުން އޮންނާނެ ކަމަށް ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ. 

ޢަރަބި ބަހާއި އިނގިރޭސިބަހުން ކުރިއަށްގެންދާ މި ވޯކްޝޮޕް އޮންނަނީ ދެ ދަންފަޅިއަށެވެ. މުދައްރިސުންނާއި ޢާއްމުންނަށް މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު، ހުޅުވާލާފައިވާއިރު، މި މަހުގެ19  ވަނަދުވަހުގެ ނިޔަލަށް މި ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. 

ހެނދުނު ދަންފަޅީގައި، ދީނީ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާއިރު، ހަވީރު ދަންފަޅީގައި މުދައްރިސުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމަކާއި، އިސްލާމިކް ޔުނިވަރސިޓީގައި އަރަބި ބަހުން ކިޔަވާ މާސްޓަރ އަދި ޕީއެޗްޑީ ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. 

މި ވޯކްޝޮޕްގައި ކިޔަވައިދެއްވާނީ ކިންގް ޚާލިދް ޔުނިވަރސިޓީގެ ޕްރޮފެސަރުންކަމަށް އައި.ޔޫ.އެމް އިން މަޢުލޫމާތުދެއެވެ. 

ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީއަށާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒާއި ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ އިތުރުން ޢަރަބިއްޔާ ސްކޫލަށް ސަޢުދީ ޢަރަބިއްޔާގެ ވަފުދުން ޒިޔާރަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މާދަމާގެ ވަގުތެއްގައި މި ވަފުދު މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަހުމަދު ޒިޔާދާ ބައްދަލުކުރައްވާނެކަމަށްވެސް އައި.ޔޫ.އެމުން މަޢުލޫމާތުދެއެވެ.