ޚަބަރު

"ޝަރީޢަތަށް ނުފޫޒު ފޯރުވޭގޮތަށް ޢަމަލުކުރާނަމަ ފިޔަވަޅު އަޅާނަން"


ޝަރީޢަތަށް ނުފޫޒު ފޯރުވޭގޮތަށް އަދި ކޯޓުތަކުން ނިންމާ ނިންމުންތައް އޮޅުވާލެވޭގޮތަށް ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަމަށް ބަޔާންކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢަމުރެއް ނެރެފިއެވެ. 

ސުޕްރީމް ކޯޓުން ނެރެފައިވާ ޢަމުރުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތަށް ދިވެހިރާއްޖޭގައި އިންސާފު ޤާއިމުކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއްކަމާއި، އަމިއްލަ ފަރުދަކުވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކުވިޔަސް، ފަނޑިޔާރުންގެ މަސައްކަތާބެހޭ ނުފޫޒުފޯރުވައި ހަދައިގެން ނުވާނެކަމަށް ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގައި ސާފުބަހުން ބުނެފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. 

މި އަމުރުގައި، ދިވެހިރާއްޖޭގެ ކޯޓްތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ޤާނޫނުތަކާއި ޤަވާއިދުތަކުގެ ޚުދޫދުގެ ތެރޭގައި، އެންމެންވެސް ޢަމަލުތަކާއި ބަސްމަގު ބެހެއްޓުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފަށް ޝަރީޢަތަށް ނުފޫޒުފޯރުވުމުގެ އެންމެހައި ޢަމަލުތަކުން އެއްކިބާވެ ތިބުމަށް ތަކުރާރުކޮށް އަންގަމުންދާކަމަށް ބުނެފައިވެއެވެ. ނަމަވެސް ޝަރީޢަތަށް ނުފޫޒު ފޯރުވޭ ގޮތަށް އަދި ކޯޓުތަކުން ނިންމާ ނިންމުންތައް އޮޅުވާލެވޭގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީޢަތާގުޅޭ ކަންކަމުގައި ބަޔާންދިނުމާއި މީޑިއާގެ ވަޞީލަތްތަކުގައ ޝާއިޢުކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށް ސުޕްރީމް ކޯޓުގެ ޢަމުރުގައިވެއެވެ. 

ދުސްތޫރީ މައްސަލަތައް ސުޕްރީމްކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ނޫނީ ނުނިންމޭނެކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދުދެއްވާ ސުޕްރީމްކޯޓުން މިރޭ ނެރުއްވި އަމުރުގައި  ވަނީ ސުޕްރީމް ކޯޓުން ބުނެފައިވަނީ ދުސްތޫރީ މައްސަލަތައް ބަލަން ޖެހޭނީ ފަސް ފަނޑިޔާރުންގެ ތިބެގެން ކަމަށް ގާނޫނުގައި ބަޔާންކޮށްފައި ވަނީ އެއީ ކުރިން އެ ކޯޓުގައި ހަތް ފަނޑިޔާރުން ހިމެނޭތީ ކަމަށެވެ. އެހެންނަމަވެސް އެކޯޓްގެ ބެންޗްގެ ޢަދަދު މިހާރު ފަސް ފަނޑިޔާރުން ބަދަލުވެފައިވާކަން އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯޓްގެ ހުރިހާ ފަނޑިޔާރުން ތިބެގެން ނިންމަން އޮންނާނީ ގާނޫނޫ އަސާސީގެ ސަތޭކަ ތޭރަވަނަ މައްދާގެ ދަށުން ހުށައެޅޭ މައްސަލަތައްކަމަށާއި އަދި މިދިޔަ ބުރާސްފަތިދުވަހު ސުޕްރީމްކޯޓުން ނިންމެވި މައްސަލަ ތިން ފަނޑިޔާރުންގެ ބެންޗަކުން ބައްލަވަން މި މަހުގެ ހަވަނަ ދުވަހު ކަނޑައަޅާފައިވާ ކަމަށްވެސް ސުޕްރީމްކޯޓްގެ އަމުރުގައިވެއެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމް މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށްވެސް ސުޕްރީމްކޯޓުން މިރޭ ނެރުނު އަމުރުގައި ބަޔާންކޮށްފައިވެއެވެ. 

މީގެއިތުރުން އެ ހުކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ޤަވާއިދާއި އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ވެސް ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާކޮށްފައިވާ ހުކުމެއް ނޫން ކަމަށްވެސް އެ އަމުރުގައިވެއެވެ. 

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ބެލެނިވެރި ކަމުގެ ޙައިޘިއްޔަތުގެ މައްޗަށް ރިޢާޔަތްކޮށް، ޝަރީޢަތަށް ނުފޫޒު ފޯރުވޭގޮތަށް އަދި ކޯޓުތަކުން ނިންމާ ނިންމުންތައް އޮޅުވާލެވޭގޮތަށް އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި ކޯޓުގެ ޙުރުމަތް ރައްކާތެރި ކުރުމާބެހޭ ޤަވާޢިދުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިޘްނާއެއް ނެތި އަޅަމުންގެންދާނެކަމަށް ސުޕްރީމްކޯޓުން މިރޭ ނެރުނު ޢަމުރުގައިވެއެވެ.