ޚަބަރު

ޑޮލަރުތަކަކާއެކު އެއަރޕޯޓުން ބިދޭސީއަކު ހައްޔަރުކޮށްފި


ގިނަ އަދަދެއްގެ ފައިސާތަކަކާއެކު ރާއްޖެއިން ބޭރަށް ފުރަން އުޅުނު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، އިއްޔެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން 37 އަހަރުގެ ބަންގްލަދޭޝް ރައްޔިތަކު ގިނަ އަދަދެއްގެ ފައިސާއާއެކު ހައްޔަރުކޮށްފައިވާކަމަށެވެ. އެކަން ތަހްގީގުކުރުމުންދާކަމަށާއި، ހައްޔަރު ކުރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން ބަންގްލަދޭޝަށް ފުރަން އުޅުނު މި ބިދޭސީމީހާގެ އަތުން ނުވަދިހަ ހާސް ޔޫ.އެސް ޑޮލަރު ވަނީ ފެނިފައެވެ. ފަހަކަށް އައިސް މިފަދަ މައްސަލަތައް އަންނަނީ މަދުންނަމަވެސް ކުރިމަތިވަމުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ޤައުމުން ބޭރަށް ފޮނުވާ ފައިސާއިން 3 ޕަސެންޓްގެ ރެމިޓެންސް ޓެކްސް ނެގުމަށް، ވަޒީފާއާއި ބެހޭ ޤާނޫނަށް ވަނީ އިސްލާޙް ގެންނަވާފައެވެ. އަދި އެކެއް އޮކްޓޫބަރުން ފެށިގެން މިގާނޫނަށް އަމަލުކުރަން ފެށިފަހުން މިހިނގާ 2017 ވަނަ އަހަރުގެ ކުރީ ކޮޅު ރާއްޖެއިން ބޭރަށް ފަސްދޮޅަސް ހާސް ޔޫ.އެސް ޑޮލަރު ގެންދަން އުޅުނު މީހެއްގެ މައްސަލަފެންމަތުވެ، ޤާނޫނުގައިވާ ގޮތުގެ މަތިން އެފައިސާވަނީ ދައުލަތުގެ ޓެކްސް އިދާރާ، މީރާއަށް ނަގާފައެވެ. އެހެންކަމުން ރެމިޓެންސް ފީ ނުދައްކައި ގިނަ އަދަދެއްގެ ފައިސާ ރާއްޖެއިން ބޭރުކުރުމާއި ގުޅޭގޮތުން ބިދޭސީން ހޭލުންތެރިކުރުމުގެ މުހިއްމުކަން ކަމާގުޅޭ އިދާރާތަކުން ދަނީ ފާހަގަކުރަމުންނެވެ.