ވިޔަފާރި

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 41.9 މިލިއަން


އެއަރޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތަށް 41.9 މިލިޔަން ރުފިޔާ ލިބިއްޖެއެވެ. 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފުރާ މީހުންގެ އަތުން އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ ނަގަން ފަށާފައިވަނީ މޭމަހުގެ އެއްވަނަ ދުވަހުއެވެ. އަދި މި ފީތައް މީރާއަށް ޖަމާކުރަން ފަށާފައިވަނީ ޖޫންމަހުން ފެށިގެނެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއަކީ، 1 މޭ 2017 ނުވަތަ އެ ދުވަހުގެ ފަހުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދިވެހިރާއްޖޭން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން، އެއަރޕޯޓް ސަރވިސް ޗާޖްގެ އިތުރުން، ނެގޭ ފީއެކެވެ. މި ފީ ނެގޭ ރޭޓަކީ ކޮންމެ ބިދޭސީ ފަސިންޖަރެއްގެ އަތުން 25 އެމެރިކާ ޑޮލަރު އަދި ކޮންމެ ދިވެހި ފަސިންޖަރެއްގެ އަތުން 12 އެމެރިކާ ޑޮލަރެވެ. މި ފީއިން އިސްތިސްނާ ކުރެވިފައިވަނީ ހަމައެކަނި ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ ފަރާތްތަކެވެ.