ވިޔަފާރި

މާމިގިލީ ބަނދަރުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ


މޯލްޑިވްސް ޕޯރޓްސް ލިމިޓެޑުން އދ. މާމިގިލީގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ބަނދަރުގެ މަސައްކަތް ފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ އެސިސްޓެންޓް ސީއީއޯ ރާބިހު މުޙައްމަދު ވިދާޅުވީ، އެމްޕީއެލުން މާމިގިލީގައި ޤާއިމްކުރާ ބަނދަރަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެންމެ ބޮޑު ބަނދަރަށް ވާނެކަމަށެވެ. މިބަނދަރަކީ ދުއިސައްތަ ފަސްދޮޅަސް ތިން މީޓަރުގެ ބޮޑު ބަނދަރެކެވެ. މި ބަނދަރު މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެފައިވާއިރު މިހާރު ކުރިއަށްދަނީ ބަނދަރުގެ ސެކިއުރިޓީއަށް ބޭނުންވާ ބައެއް ކަންތައް ނިންމުމުގެ މަސައްކަތްކަމަށް ރާބިހު ވިދާޅުވިއެވެ.

އެމްޕީއެލްގެ އޮޕަރޭޝަންތަކާބެހޭ ގޮތުން ވާހަކަދައްކަވަމުން އެކުންފުނީގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ރަޝީދު ވިދާޅުވީ، އެކުންފުނީގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށެވެ. މިގޮތުން އެކުންފުނީގެ ހުޅުމާލޭ ބަނދަރުގެ އޮޕަރޭޝަން ވަރަށް ރަނގަޅަށް ކުރިއަށްދާކަން ރަޝީދު ފާހަގަކުރިއެވެ. އަދި ހުޅުމާލޭގައި މުދާ ގުދަންކުރާ ފަރާތްތަކަށް ހުޅުމާލެއަށް މުދާ ގެންގޮސްދިނުމުގެ ޚިދުމަތްވެސް ފައްޓަވާފައިވާކަން ރަޝީދު ވިދާޅުވިއެވެ. 

މީގެ އިތުރުން އެކުންފުނީގެ އޮޕަރޭޝަންގެ މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން ހެވީ ވެހިކަލްތައް ބަނދަރުގައި ބެހެއްޓޭ މުއްދަތު ދިހަ ދުވަހުން ފަސްދުވަހަށް ބަދަލުކޮށްފައިވާކަމަށް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ، މިގޮތަށް ބަދަލުގެންނަން ޖެހުނީ އެތެރެކުރާ ބޮޑެތި ވެހިކަލްތައް 10 ދުވަސް ހަމަވުމަށްފަހުވެސް ބަނދަރުން ނުނެރި ހުރުމުގެ ސަބަބުން އޮޕަރޭޝަނަށް ހުރަސް އެޅެމުންދާތީކަމަށެވެ.

އެމްޕީއެލްގެ އޮޕަރޭޝަނަށް ގެނައި ބަދަލާއެކު ދުވާލެއްގެ މައްޗަށް ދުއިސައްތަ ފަންސާސް ކޮންޓެއިނަރ ނެރުމުގެ ޤާބިލްކަން މިހާރު އެކުންފުންޏަށް ލިބިފައިވާކަމަށް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.