ޚަބަރު

ހެލްތްމިނިސްޓަރ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި


ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އައްޑޫ ސިޓީއަށް މިހާރުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފިއެވެ. 

މި ޒިޔާރަތުގައި އެ ހޮސްޕިޓަލަށް އަލަށް އިތުރުކުރާ އިމާރާތުގެ މަސައްކަތް ކުރިޔަށްދާ ގޮތް މިނިސްޓަރ ބައްލަވާލެއްވިއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އިސް މުއައްޒަފުންނާ ރޭ ބައްދަލުކުރައްވާފައިވެއެވެ. މި މި ބައްދަލުވުމުގައި އެ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތަކާ ހޮސްޕިޓަލް އިތުރަށް ތައްރަޤީކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ އައްޑޫ ސިޓީގެ ސިއްހީ ނިޒާމް ފުޅާ ކުރުމަށްޓަކާ ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިނިސްޓަރގެ މި ދަތުރުފުޅުގައި ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި މަރަދޫ ސިއްހީ މަރުކަޒާއި  އެއިމްސް ކްލިނިކާއި އައި.އެމް.ޑީ.ސީ ހޮސްޕިޓަލާއި ފޭދޫ އަދި ހުޅުމީދޫ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވާނެއެވެ. 

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ "ވޫންޑް ކެޔަރ މެނޭޖްމަންޓް ޓްރެއިނިންގ" ފެށުމުގެ ރަސްމިޔާތުގައި ވެސް ބައިވެރިވެ ވަޑައިގަންނަވާ ގޮތައް ހަމަޖެހިފައެވެ.