ވިޔަފާރި

މިދިޔަމަހު މީރާ މެދުވެރިކޮށް 906 މިލިއަން ރުފިޔާގެ ޢާމްދަނީއެއް!!


މިދިޔަމަހު މީރާ މެދުވެރިކޮށް ދައުލަތަށް 906 މިލިއަން ރުފިޔާގެ ޢާމްދަނީއެއް ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު، ތިރީސްނުވައެއް ޕޮއިންޓް ނުވައެއް އިންސައްތަ ދަށް އަދަދެކެވެ. ޖޫންމަހުގެ ލިބުނު އާމްދަނީ ދަށަށް ގޮސްފައިވަނީ އީދު ބަންދާ ގުޅިގެން ޖީއެސްޓީ، ބިޒްނަސް ޕްރޮފިޓް ޓެކްސް، ގްރީން ޓެކްސް އަދި ޓޫރިޒަމް ދާއިރާގެ ބިމު ކުލި ދައްކަންޖެހޭ ސުންގަޑި ޖުލައި މަހަށް ފަސްކުރުމާ ގުޅިގެން ކަމަށް މީރާއިން ހާމަކުރެއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކުރައްވާފައިވާ ޖޫންމަހުގެ ތަފާސް ހިސާބްތައް ދައްކާގޮތުން، ޖޫންމަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ޙިއްޞާކުރަނީ، މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީންނެވެ. އެއީ ޖުމްލަ ޢާމްދަނީގެ ސައްބީސް ޕޮއިންޓް ތިނެއް އިންސައްތައެވެ. ޖީއެސްޓީގެ ގޮތުގައި ދުއިސައްތަ ތިރީސްއަށް މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މީރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު ވަނީ 6.3 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ، މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު، ހަތެއް ޕޮއިންޓް ތިނެއް އިންސައްތަ އިތުރު އަދަދެކެވެ.