ޚަބަރު

އޭޕީސީސީގައި ބައިވެރިވާ ކުދިންނާ މިނިސްޓަރ ބައްދަލުކުރައްވައިފި


ޖަޕާނުގެ ފުކޯކާގައި ބާއްވާ 29 ވަނަ އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.

އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަނަކީ، ދިރިއުޅުމުގެ ޘަޤާފަތާއި އާދަކާދަ ޙިއްޞާކުރުމަށް އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި އަދި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމުގެ ރޫޙް ދަރިވަރުންގެ ކިބާގައި އުފެއްދުމަށް ޖަޕާނުގައި ބާއްވާ ފެސްޓިވަލެކެވެ.

އޭޕީސީސީ ޕްރޮގްރާމަށް ރާއްޖޭން ހޮވާފައިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން ތިން ދަރިވަރަކާއި އަތޮޅުތެރޭގެ ސްކޫލްތަކުން ތިން ދަރިވަރެކެވެ. މި ކުދިންނާއެކު ދެ އޮފިޝަލަކު ބައިވެރިވާނެއެވެ. މިއަހަރު މި ޕްރޮގްރާމްގައި ބައިވެރިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން މުޙްޔުއްދީން ސްކޫލްގެ ދަރިވަރަކާއި، ޣާޒީ ސްކޫލްގެ ދަރިވަރަކާއި ޢިމާދުއްދީން ސްކޫލްގެ ދަރިވަރެކެވެ. އަތޮޅުތެރެއިން މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވަނީ ފ. ފީއަލީ ސްކޫލްގެ ދަރިވަރަކާއި، މ. މަޑުއްވަރީ ސްކޫލްގެ ދަރިވަރަކާއި ބ. ގޮއިދޫ ސްކޫލްގެ ދަރިވަރެކެވެ.

މި ޕްރޮގްރާމަށް އަތޮޅުތެރެއިން ހޮވިފައިވާ ދަރިވަރުން ޖަޕާނަށް ފުރުމަށް މާލެ އައިސް މާލޭގައި ހޭދަވާ މުއްދަތުގައި އެ ދަރިވަރުންނަށް މާލޭގެ ސްކޫލަތަކަށް ކިޔަވަންދިއުމުގެ އިންތިޒާމް ވަނީ ހަމަޖައްސައިދީފައެވެ. ޖަޕާނަށް ފުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޖަޕާން ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ. އަދި ދަތުރުގައި ބައިވެރިވާ ދަރިވަރުންނާ އޮފިޝަލުންނަށް އަމާޒުކޮށްގެން ދެ ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ވަނީ ބާއްވާފައެވެ. މި ކޭމްޕްގައި ބައިވެރިންނަށް ޖަޕާނުގެ ޘަޤާފަތާއި އާދަކާދައާ ގުޅުން ހުރި މަޢުލޫމާތާއި، ފަސްޓް އެއިޑް ފަދަ މަޢުލޫމާތު ވަނީ ދީފައެވެ.

އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަންގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންގެ ޓީމް ޖަޕާނަށް ފުރަން ހަމަޖެހިފައިވަނީ މާދަމާއެވެ. ދަރިވަރުން ޖަޕާނުގެ ޕުކޯކާގައި ދެ ހަފްތާ ހޭދަކުރާނެއެވެ. ޕްރޮގްރާމް ނިންމާލުމަށްފަހު ދަރިވަރުން އެނބުރި ރާއްޖެ އަންނާނީ  މި މަހުގެ 27 ވަނަ ދުވަހުއެވެ.

ޖަޕާނަށް ދިއުމަށްފަހު ފުރަތަމަ ހަފްތާ ދަރިވަރުންނާއި އޮފިޝަލުން ހޭދަކުރާނީ ކޭމްޕް ސައިޓްގައެވެ. އަދި ދެވަނަ ހަފްތާ ދަރިވަރުން ހޭދަކުރާނީ ފުކޯކާގެ އާއިލާއަކާއެކުއެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ފުކޯކާގެ ތަފާތު ތަންތަން ބަލާލުމަށް ޒިޔާރަތްކޮށް އަދި ސްކޫލްތަކަށް ޒިޔާރަތްކުރާނެއެވެ. އަދި ލީޑަރޝިޕްގެ އެކި ކަހަލަ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމުގެ ވާރކްޝޮޕްތައް ބޭއްވުމުގެ އިތުރުން، އެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާދަ ދައްކައިދިނުމުގެ އައިޓަމްތައް ހުށައެޅުން އޮންނާނެއެވެ.

މިއަހަރުގެ ޕްރޮގްރާމްގައި އޭޝިއަން-ޕެސިފިކް ސަރަޙައްދުގެ 40 ޤައުމަކުން ދަރިވަރުން ބައިވެރިވެރިވެއެވެ.

މި ޕްރޮގްރާމަކީ ޖަޕާނުގެ ތާރީޚީ ރަށެއްކަމަށްވާ ފުކުކާއަށް 100 އަހަރު ފުރުމާ ގުޅިގެން އެ ސިޓީގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކޮންވެންޝަނެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އޭޕީސީސީ އިންވިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ޖަޕާނަށް ދިއުމަށް އެންމެ ފުރަތަމަ ފުރުޞަތު ލިބިފައިވަނީ 1990 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ އެކި ސްކޫލްތަކުން 200 އަށްވުރެ ގިނަ ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ.