ސިޔާސީ

ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ބައެއް ބިންތައް އަނބުރާ ނެގުމުގެ ލަފާ





މާލޭ ސިޓީ ކައުންސިލާ ހަވާލުކުރައްވާފައިވާ ބައެއް ބިންތައް، އިޖުތިމާޢީ އަދި އިޤްތިޞާދީ ކަންކަމަށް، ރައްޔިތުންނަށާއި ދައުލަތަށް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރެއްވުމަށްޓަކައި ސަރުކާރަށް އަނބުރާ ނެންގެވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވައިފިއެވެ.


މިގޮތަށް ލަފާ އެރުއްވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާއަށް މި ބިންތަކާގުޅޭ ގޮތުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.


 މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ވަޢުދުތައް ޙަޤީޤަތަކަށް ހެއްދެވުމަށާއި، ސަރުކާރުން މާލޭސިޓީއާމެދު ދެކެވަޑައިގަންނަވާ ތަރައްޤީގެ ތަޞައްވުރާ އެއްގޮތަށް، ސަރުކާރުން އެ ބިންތައް ތަރައްޤީ ކުރައްވައި ބޭނުންކުރެއްވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.


އެމްބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒުވިދާޅުވީ ބިންތައް ނެގުމަށް ނިންމީ ބިމާބެހޭ ޤާނޫނުގެ ދަށުން ހަދާފައިވާ ޤަވާޢިދެއްކަމަށްވާ " ލޯކަލް ކައުންސިލްތަކުގެ އިޙްތިޞާސް ހިންގާ ސަރަހައްދުގައި ހިމެނޭ ދައުލަތުގެ ބިންތައް ކައުންސިލްތަކާ ހަވާލުކުރުމުގެ ޤަވާޢިދު"ގެ ދަށުންކަމަށެވެ.  މިޤަވާއިދުގައި ދައުލަތުގެ ބިން ހަވާލުކުރެވޭ އުސޫލްބަޔާންކޮށްފައިވާ މާއްދާގެ (ށ) ގެ އެކެއް ބުނާގޮތުން ސަރުކާރުގެ ސިޔާސަތުގައި ހިމެނޭ އިގްތިޞާދީ، އިޖްތިމާއީ، އަދި ޤައުމީ ސަލާމަތާ ގުޅޭކަންކަމަކަށް ދައުލަތުގެ ބިން ނުވަތަ ދައުލަތުގެ ބިން ހިމެނޭ ސަރަހައްދެއް ބޭނުންވާކަމަށް ވަޒީރުންގެ މަޖްލީހުން ނިންމައިފިނަމަ ، ކައުންސިލްތަކާ ހަވާލުކުރެވޭ ބިން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.


 ހައުސިންގ މިނިސްޓަރ ވިދާޅުވީ މިޤަވާއިދުގެ ދަށުން ބައްތިރީސް ބިމެއް ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ. އޭގެ ތެރޭގައި އާރޓިފިޝިއަލް ބީޗް،ކާނިވާ ސަރަހައްދާ، ހުޅަނގު ދެކުނު ހާބަރު ސަރަހައްދާ، މާފަންނު ބުރު ޕާކުފަދަތަން ތަން ހިމެނޭކަމަށެވެ.