ކުޑަކުދިންނަށް އަނިޔާކޮށް އިހުމާލުވާ މައްސަލަތައް ރިޕޯޓްކުރާނެ ކޯލް ސެންޓަރަކާއި، މޯބައިލް އެޕްލިކޭޝަނެއް ޖެންޑަރ މިނިސްޓްރީން ލޯންޗްކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް ފައްޓަވާދެއްވީ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އެލިސް އަކުންގާއެވެ.
ކޯލް ސެންޓަރާއި، މޯބައިލް އެޕްލިކޭޝަން އިފްތިތާޙްކޮށްދެއްވުމަށްފަހު މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވީ، ކުޑަކުދިންނަށް އަނިޔާކޮށް، އިހުމާލުވުމުގެ މައްސަލަތައް ރިޕޯޓް ކުރާނެ ފަސޭހަ ނިޒާމެއް ޤާއިމްވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ގިނަ މައްސަލަތަކެއް ކޮންމެ މަހަކުވެސް ރިޕޯޓްކުރަމުންދާކަން މިނިސްޓަރ ޒެނިޝާ ފާހަގަކުރެއްވިއެވެ.
މިއަހަރުގެ ފުރަތަމަ 6 މަހުގެ ތެރޭގައި، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ހަސަތޭކަ އަށްޑިހަ (680) މައްސަލަ ހުށަހަޅާ، މިނިސްޓްރީން ބަލާފައިވެއެވެ. އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށާއި، އިހުމާލުވުމާއި، ޖިސްމާނީ އަނިޔާ ކުރުމާއި، ނަފްސާނީ އަނިޔާ އަދި ހަނގާކުރުމުގެ މައްސަލަތައްވެސް ކޮންމެ މަހަކުވެސް ރިޕޯޓްކުރަމުންދާކަމަށް ޖެންޑަރ މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ޗައިލްޑް ހެލްޕްލައިން އުފެއްދި ފަހުން، ސީދާ ކުޑަކުދިންވެސް ސާދަބާރައަށް ގުޅައިގެން، މައްސަލަތައް ރިޕޯޓްކުރަ،މުންދާކަމަށް ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޒެނީޝާ ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް މަސައްކަތް ކުރުމުގައި އެކަމަނާގެ ތަޖުރިބާ ހިއްސާ ކުރައްވާފައެވެ. ޒެނީޝާ ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާއަކީ އެކުދިންގެ ކުށެއް ނޫންކަން ކިޔައިދިނުމުން، ކުދިން އަމިއްލައަށް އައިސް އެފަދަ ވާހަކަތައް ހިއްސާކުރާކަމަށެވެ.
ވީމާ ވީހާވެސް ގިނަ ބޭފުޅުން މިކަންކަމާމެދު ވިސްނަވާ، ކުދިންނަށް މި މަޢުލޫމާތު ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.
1412 ހެލްޕްލައިން މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ސަރުކާރުން އަހަމިއްޔަތުކަންދޭ ކަމެއްކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. ޖެންޑަރ މިނިސްޓްރީން އިފްތިތާޙްކުރި ކޯލް ސެންޓަރާއި، މޯބައިލް އެޕްލިކޭޝަނަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބޭ ބޮޑު ކުރިއެރުމެއްކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.