ކުޅުދުއްފުށީ ހޮސްޕިޓަލަށް ބޭނުންވާ ބައެއް ސާމާނާއި ސީއެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އެމެރިކާގެ ނޯތު ކެރޮލީނާގެ އެމަރޖެންސީ ރެސްޕޮންސް އޭޖެންސީތަކުން އެގާރަ ހާސް އެމެރިކާ ޑޮލަރުގެ ތަކެތި ހަދިޔާކޮށްފިއެވެ.
އެހީގެ މި ތަކެތި ހަދިޔާކޮށްފައިވަނީ އެމެރިކާ އެމްބަސީއާއި ޔޫ.އެސް ޕެސިފިކް ކޮމާންޑްގެ ފަރާތުން ކުޅުދުއްފުށީގައި ބޭއްވި ތަމްރީން ޕްރޮގްރާމްގެ ތެރޭގައިކަމަށް އެމެރިކާ އެމްބަސީން ބުނެއެެވެ. މި ތަމްރީން ޕްރޮގްރާމަކީ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނާއި ދިވެހި ރެޑްކްރެސެންޓްގެ އޮފިޝަލުން ސިއްޙީ ތަމްރީންދިނުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ބަލިމީހާ ހޮސްޕިޓަލަށް ގެންދިޔުމުގެ ކުރިން ގިނަ ވަގުތު ހޭދަ ވެއްޖެނަމަ ބަލިމީހަގެ ޙާލަތު އިތުރަށް ނުރައްކާވެދާނެތީ އެވަގުތު ތެރޭގައި ކޮންމެހެން ކުރަންޖެހޭ އަދި ސަމާލުވާންޖެހޭ ކަންތައްތަކާއި ގުޅޭ މައުލޫމާތުތައް މި ތަމްރީނު ޕްރޮގްރާމްގައި ދީފައިވެއެވެ.
ފަސްދުވަހުގެ މުއްދަކަށް ކުޅުދުއްފުށީގައި ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ހެލްތް މިނިސްޓްރީއާއި، އެޗް.ޕީ.އޭއާއި ހދ.އަތޮޅު އަދި ރަށު ކައުންސިލްއާއި ކުޅުދުއްފުށީ ހޮސްޕިޓަލާއި އަތޮޅު ބައެއް ސްކޫލްތައް ގުޅިގެނެވެ. އައްޑޫ ސިޓީގައި ކުރިން މިފަދަ ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާއިރު މިއަހަރު ފަހުކޮޅު މާލެ އަތޮޅުގައި މިފަދަ ތަމްރީނެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.