ޚަބަރު

ފ.މަޝްރޫޢު ހުއްޓުވީ އިދިކޮޅު ފަރާތްތަކުން - ރައީސް


ސަޢޫދީޢަރަބިއްޔާގެ އެހީގައި ފ.އަތޮޅުގައި ހިންގަވަން އުޅުއްވި ބިޔަ މަޝްރޫޢު ހުއްޓުވީ އިދިކޮޅު ފަރާތްތަކުންކަމަށާ، އެކަމުގައި އެމަނިކުފާނު ޒިންމާ އުފުއްލަވަން ޖެހިވަޑައިނުގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. 

ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފ.އަތޮޅުގައި ހިންގަވަން އުޅުއްވީ ރައްޔިތުންނަށް ވަރަށް ފައިދާހުރި އެތައް ބިލިއަން ރުފިޔާއެއްގެ ބިޔަ މަޝްރޫޢެއްކަމަށެވެ. އެމަނިކުފާނު މަސައްކަތްކުރެއްވީ ރައްޔިތުންނަށް ފައިދާހުރި ބޮޑު މަސައްކަތެއްކޮށްދެއްވުމަށްކަމަށާ، ނަމަވެސް ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން އެކަމާ ދެކޮޅު ހެއްދެވިކަމަށެވެ.

އެހެންކަމުން ސަޢުދީ ޢަރަބިއްޔާގެ މަލްޓިމިލިޔަން ޑޮލަރުގެ އިންވެސްޓްމެންޓެއް ރާއްޖެ އަޔަސް ނަޔަސް އެކަމުގެ ޒިންމާ އެމަނިކުފާނު ނަންގަވަން ޖެހިވަޑައި ނުގަންނަވާނެކަމަށެވެ. ރައީސް ވިދާޅުވީ ފ.އަތޮޅުގެ މަޝްރޫއާ މެދު ސުވާލު އުފެއްދީ، އެމަނިކުފާނުގެ ސަރުކާރަށް ވުރެ ރަނގަޅު ވެރިކަމެއް ކުރުމަށް ވަކާލާތުކުރާ ފަރާތްތައްކަމަށާއި، އިދިކޮޅު ފަރާތްތައް އިންވެސްޓަރުންނަށް މަރުޙަބާ ނުކިޔާ ތަނަކަށް އިންވެސްޓަރުން އަންނަޖެހޭތޯ ރައީސް ސުވާލުކުރެއްވިއެވެ. 

ފ.އަތޮޅުގައި ސަރުކާރުން ކުރިއަށްގެންދަވާނެކަމަށް އިޢުލާނުކުރެއްވި ބިޔަ މަޝްރޫޢާ ގުޅިގެން ރާއްޖޭގެ، ސިޔާސީ އިދިކޮޅު ފަރާތްތަކުންވަނީ ފ.އަތޮޅު އެއްކޮށް ސަޢޫދީ ޢަރަބިއްއާއަށް ވިއްކާލަނީ ކަމަށް ބުނެ އަޑު ފަތުރާފައެވެ. އަދި މި އަޑުތަކާގުޅިގެން ދުނިޔޭގެ ބައެއް ނޫސްތަކުގައިވެސް މިމަޝްރޫޢުގެ ޙަޤީގަތް އޮޅޭގޮތަށް ވާހަކަތައް ޝާއިޢުކޮށްފައިވެއެވެ. ނަމަވެސް ފ.އަތޮޅަށް ޕީއެސްއެމްގެ ޓީމުން ދާދި ފަހުން ކުރި ދަތުރުގައިވެސް އެ އަތޮޅުގެ ރައްޔިތުންވަނީ މި އިންވެސްޓްމަންޓާ މެދު އުފަލުން ތިބި ކަމަށް ބުނެފައެވެ. އަދި އެކަމަށް އެ އަތޮޅުގެ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއް ޙިއްޞާ ކުރަނީ ފަތުރުވެރިކަން ކަމަށްވާއިރު، ފ.އަތޮޅުގައި ސަރުކާރުން ހިންގަވަން އުޅޭ މަޝްރޫޢަކީ ދިވެހިރާއްޖޭގެ މުޅި ފަތުރުވެރިކަމުގެ ސިނާޢަތުގެ އަގާ ދާދި އެއްވަރުގެ މަސްރޫއެއްކަމަށް ރައީސް ޔާމީން ކުރިން ވަނީ ވިދާޅުވެފައެވެ.  އެހެންކަމުން މި މަޝްރޫޢު ކާމިޔާބުވެއްޖެނަމަ ދިވެހިންގެ މުއްސަނދިކަން ދެގުނައަށް އިތުރުވެގެންދާނެއެވެ. އެއީ 10 ބިލިއަން ޑޮލަރުގެ ބިޔަ އިންވެސްޓްމެންޓެކެވެ.