ސިއްހަތު

ކުދިންގެ ޞިއްޙަތު އެންމެ ރަނގަޅު ޤައުމުތަކުގެ ތެރޭގައި ރާއްޖެ


ސައުތު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން ތުއްތު ކުދިންގެ ސިއްޙީ ހާލަތު އެންމެ ރަނގަޅު ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނި ފަހަގަކޮށްލެވޭފަދަ ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށް ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އެލިސް އެކުންގާ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ އައި.ޖީ.އެމް.އެޗް.ގައި ކުރިއަށްދިޔަ "އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓް" ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެޑްވާންސް ޕީޑިއެޓްރިކް ލައިފް ސަޕޯޓް"ގެ ނަމުގައި އައިޖީއެމްއެޗުން ކުރިޔަށްގެންދިޔަ ތަމްރީނުތަކަކީ އެޗްޕީއޭއާއި ޔުނިސެފް އަދި އޮސްޓްރޭލިއާގެ "ފެކަލްޓީ އޮފް އެޑްވާންސްޑް ޕީޑިއެޓްރިކް ލައިފް ސަޕޯޓް ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީނުތަކެކެވެ. ހަފްތާއެއްގެ މުއްދަތަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވަހަކަދައްކަވަމުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައިހުންނަވާ ސަފީރު އެލިސް އެކުންގާ ވިދާޅުވީ ކުޑަކުދިންގެ ފުރާނަ ސަލާމަތްކުރުމާއި ދުޅަހެޔޮކޮށް ހެދިބޮޑުވުމުގެ މަގު ފަހިކޮށްދިނުމުގެ ޒިންމާ ހުރިހާ ފަރާތަކުންވެސް ނަގަންޖެހޭނެކަމަށެވެ.

img:http://s2.psmnews.mv/images/660x400/14991576722658.jpg|ޑޮކްޓަރުންނާއި ނަރުހުންނަށް ބޭއްވި ތަމްރީން ކޯހުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

މި ތަމްރީން ޕްރޮގްރާމަކީ ކުއްލި ޙާލަތުގައި އަދި ފުރާނައަށް ނުރައްކާވެދާފަދަ ޙާލަތްތަކުގައިތިބޭ ތުއްތު ކުދިންނަށް ފަރުވާދީ ޢާއްމު ޙާލަތަކަށް ގެންނާނެގޮތް ދަސްކޮށްދިނުމަށް ކުޑަކުދިންގެ ޑިޕާޓްމަންޓް ތަކުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ޕްރޮގްރާމްގައި ބައިވެރިވެފައިވަނީ އައި.ޖީ.އެމް.އެޗާއި ،ހުޅުމާލޭ ހޮސްޕިޓަލާއި، އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ އިތުރުން ކުޑަކުދިންގެ ޑިޕާޓްމެންޓްގައި މަސައްކަތްކުރައްވާ އެހެނިހެން ޑޮކްޓަރުންނާއި ނަރުހުންނާއި ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި މަސައްކަތްކުރަށްވާ ލެކްޗަރާއިންނެވެ. 

މި ޕްރޮގްރާމްގެ އަމާޒަކީ ސިއްޙީ ދައިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އިތުރު ތަމްރީނުކުރުމަށާއި ބަލިމީހުންނަށް ފަރުވާ ދިނުމުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކުރުމަށާއި ރާއްޖޭގައި ދިމާވާ ކާރިސާތަކުގައި ފުރާނަ ގެއްލިގެންދާ ކުޑަކުދިންގެ ޢަދަދު މަދުކުރުމެވެ.

މި ތަމްރީން ޕްރޮގްރާމްގައި މަޢުލޫމާތުދެއްވީ އޮސްޓްރޭލިއާގެ "އޭ.ޕީ.އެލް.އެސް"ގެ އިސްޓްރަކްޓަރުންގެ އިތުރުން އައި.ޖީ.އެމް.އެޗްގައި މި ތަމްރީން ހޯއްދަވާފައިވާ ޑޮކްޓަރުންނެވެ.