ޚަބަރު

ވަކިވި މެމްބަރުން އަލުން ޕާޓީއާ ގުޅުމަށް ގޮވާލައިފި


ރައްޔިތުން މަޖިލީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރުމަށްފަހު ޕާޓީން ވަކިވި ހުރިހާ ޕީޕީއެމްގެ މެމްބަރުން ވިހާވެސް އަވަހަކަށް އެނބުރި ޕާޓީއާ ގުޅުމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ގޮވާލައްވައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނާއި އެކު ރޭ ބެއްވެވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަދައްކަވަމުން ފަލާހް ވިދާޅުވީ މަޖިލީހަށް އިންތިހާބުވާ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭގޮތަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައަށް އެ ޕާޓީގެ ދަފަތަރުގައި މިވަގުތު ތިއްބެވި ހުރިހާ މަޖިލިސް މެމްބަރުން ތާއިދުކުރައްވާކަމަށެވެ.

ފަލާހް ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމަށް ނަގަން ސޮއިކޮށް ޕީޕީއެމުން ވަކިވި ހުރިހާ މެމްބަރުންނަށް އޮތް އެންމެ ރަގަޅު ގޮތަކީ އަލުން ޕީޕީއެމްއާއި ގުޅިވަޑަގަތުންކަމަށެވެ. އަދި އެ މެމްބަރުންނަށް ޕީޕީއެމަށް ހިދުމަތްކުރުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

ޕީޕީއެމުން އެއްފަހަރާ ގިނަ އަދަދެއްގެ މެމްބަރުން އިއްޔެ ވަކިވުމާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ ވަނީ އެޕާޓީއަށް ގެއްލިފައެވެ. މިހާރު މަޖިލީހުގައި ތިއްބެވީ ޕީޕީއެމްގެ 35 މެމްބަރުންނެވެ.