ޚަބަރު

"މެޖޯރިޓީ ގެއްލުނަސް، ރައްޔިތުންގެ ވިސްނުމާ ދެކޮޅެއް ނުހަދާނަން"


ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެޖޯރިޓީ ގެއްލި މައިނޯރިޓީއަށް ވެއްޓުނަސް ރައްޔިތުން ހޮވިގޮތާ ޚިލާފުވާން ބޭނުން ނުވާކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ. 

ނިހާން މިހެން ވިދާޅުވެފައި ވަނީ މަޖިލީހުގެ ހަ މެންބަރަކު ޕީޕީއެމުން މިއަދު ވަކިވުމުން މަޖިލީހުގެ މެޖޯރިޓީ ސަރުކާރު ކޯލިޝަންނަށް ގެއްލުމާއި އެކު. ނިހާން ކުރެއްވި ޓްވީޓެއްގެ ވިދާޅުވީ، މަޖިލީހުގެ މެންބަރުންނަކީ ވިއްކާ މުދަލެއް ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހް މުޙައްމަދު މަޖިލީހުގެ ރައީސްކަމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަ އެޅިފަހުން މިހާތަނަށް ނުވަ މެމްބަރުން ޕީޕީއެމުން މިވަނީ ވަކިވެފައެވެ.

މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާދިނުމަށް ދައުލަތުގެ ފަރާތުން މިއަދު ވަނީ ސުޕްރީމްކޯޓްގައި އެދިފައެވެ. ދައުލަތުގެ މި ހުށައެޅުމަށް އިޝާރާތްކުރައްވާ ޕީޕީއެމްގެ ނާއިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މެންބަރުކަމަށް ރައްޔިތުން އިންތިޚާބުކުރި ޕާޓީ ބަދަލުކުރުމަކީ ގޮނޑި ގެއްލެންޖެހޭ ކަމެއްކަމަށް އަބަދުވެސް ޤަބޫލުކުރައްވާކަމަށެވެ. 

ސަރުކާރުން ސުޕްރީމް ކޯޓަށް ހުށައެޅި މިހުށައެޅުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ކޯލިޝަންގައި ހިމެނޭ ބައެއް މެންބަރުންވެސް ދަނީ އެކަމަށް ތާޢީދުކުރާކަން ހާމަކުރައްވަމުންނެވެ. ސަރުކާރު ކޯލިޝަންގެ ބައެއް މެންބަރުން ވިދާޅުވީ، ރައްޔިތުން ވޯޓު ދިން ގޮތާއި ޚިލާފަށް ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރައްވާކަމަށެވެ.