ޚަބަރު

ކުޅުދުއްދުށި ހޮސްޕިޓަލް އިންޑިއާގެ ނިމްސްއާ ހަވާލުކޮށްފި


ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް، 150 އެނދުގެ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކޮށް، ސްޕަރ ސްޕެޝަލިޓީ ފެންވަރުގެ ޚިދުމަތްތައް ދިނުމަށް އިންޑިޔާގެ ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ރަސްމީކޮށް ހަވާލުކޮށްފިއެވެ. 

ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑަކީ ދިވެހިންގެ އިތުބާރު ހޯދާފައިވާ އިންޑިޔާގެ މަޝްހޫރު ނިމްސް ހޮސްޕިޓަލްވެސް ހިންގަމުން އަންނަ ކުންފުންޏެވެ.    

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކޮށް، އެ ހޮސްޕިޓަލް ހިންގުމަށް ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްފައިވަނީ 50 އަހަރުގެ މުއްދަތަކަށެވެ. ކުޅުދުއްފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހޮސްޕިޓަލްގެ ހިންގުން ނޫރުލް އިސްލާމް ކުންފުންޏާއި ރަމްޒީގޮތުން ޙަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ސިއްޙީ ދާއިރާއަށް އެންމެ ބޮޑު ބަދަލެއް ގެނެސްދެއްވީ ރައީސް ޔާމީން ކަން ފާހަގަކުރައްވާ، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް ބަދަލުކުރުމަކީވެސް އެމަނިކުފާނުގެ ވަޢުދެއްކަން ފާހަގަކުރެއްވިއެވެ.

ނޫރުލް އިސްލާމުން، ކުޅުދުއްފުށީ ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރާއިރު، މިއީ އެންމެ އުތުރުގެ ތިން އަތޮޅުގައި ދިރިއުޅޭ ފަސްދޮޅަސް ފަސް ހާސް މީހުންގެ އާބާދީއަށް އަންނަ ވަރަށް އުފާވެރި ދުވަހެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގައި މިއަދަކީ ތާރީހީ ދުވަހެއް. އެގޮތުން އަތޮޅުތެރޭގެ ސިއްހީ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް ޔާމިން ކުރައްވަމުން ދާ މަސައްކަތުގައި ވަރަށް މުހިއްމު ފިޔަވަޅެއް އެޅިގެން ދިޔަ ދުވަހެއް މިއީ. ޚާއްސަކޮށް މިއަދަކީ އަތޮޅުތެރޭގައި ގާއިމް ކުރެވޭ ފުރަތަމަ ޓާޝަރީ ހޮސްޕިޓަލް ކުޅުދުއްފުށީގައި އެޅުމުގެ މަސައްކަތް ފެށިގެން ދިޔަ ދުވަސް. އުތުރުގެ ހުރިހާ ރައްޔިތުންނަށް ވަރަށް އުފާވެރިކަމެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ." ހެލްތު މިނިސްޓަރ ވިދާޅުވިއެވެ

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހިންގުމާ ރަސްމީކޮށް ހަވާލުވުމަށްފަހު، ނޫރުލް އިސްލާމް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ވަނީ އެ ކުންފުނީގެ ފަސް ޑޮކްޓަރަކު ކުޅުދުއްފުށީ ހޮސްޕިޓަލާ އަލަށް ގުޅިފައިވާކަން އިއުލާންކޮށްފައެވެ. މިއާއެކު އާ ޚިދުމަތްތަކެއް ހޮސްޕިޓަލުން ލިބޭނެކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ. ހޮސްޕިޓަލްގައި މިހާރު ތިބި ޑޮކްޓަރުންގެ އިތުރުން، ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތްވެސް ދާޢިމީ ގޮތެއްގައި ލިބޭނެ މަގު ފަހިވެފައިވެއެވެ.

ނޫރުލް އިސްލާމް ޕްރައިވެޓް ލިމިޓެޑުގެ ނިމްސް މެޑިސިޓީގެ މެނޭޖިން ޑިރެކްޓަރ ފައިސަލް ޚާން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގައި ހުރި އެންމެ ފެންވަރު ރަގަޅު އެއް ހޮސްޕިޓަލަށް، ކުޅުދުއްފުށީ ހޮސްޕިޓަލް ހެދުން ކަމަށެވެ. ނިމްސް ހޮސްޕިޓަލް ފަދައިން، ރައްޔިތުން އިތުބާރު ކުރާ ސިއްޙީ ޚިދުމަތްތަކެއް ކުޅުދުއްފުށިން ލިބޭނެ ކަމަށް ފައިސަލް ޚާން ވިދާޅުވިއެވެ.

ނޫރުލް އިސްލާމުން ހިންގަމުން އަންނަ ނިމްސް ހޮސްޕިޓަލްގައި އެކަނިވެސް ދުއިސައްތަ ސުޕަރ ސްޕެޝަލިސްޓުން މަސައްކަތްކުރަމުންދެއެވެ. ދެހާސް ހަތްވަނައަހަރުން ފެށިގެން، ރާއްޖެއިން ގިނައަދަދެއްގެ ހިތުގެ ބަލިމީހުން އެ ހޮސްޕިޓަލަށް ފަރުވާ ހޯދަމުންދާކަން ފާހަގަކޮށްލެވެއެވެ.