ވިޔަފާރި

އައްޑޫ މަސް ފެކްޓްރީ މިއަހަރު ފަހުކޮޅު ހުޅުވަނީ


މިފްކޯއިން އައްޑޫ ސިޓީގައި ތަރައްޤީކުރާ މަސް ފެކްޓްރީ މިއަހަރުގެ ފަހުކޮޅު ހުޅުވުމަށް ތައްޔާރުވަމުންދާކަމަށް މިފްކޯގެ ސީއީއޯ ޢަދްލީ އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމީދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ މަސްވެރިންގެ އަތުން މަސްގަނެ ރައްކާކުރާ މަސް ފެކްޓަރީއެކެވެ. އެތަނުގައި އެއްހާސް ފަސްސަތޭކަ މެޓްރިކްޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ސަތޭކަ މެޓްރިކްޓަނުގެ ބްރައިން ފްރީޒްކުރުމުގެ ޤާބިލްކަން ހުންނާނެއެވެ.  

ނޫސްވެރިންގެ ބައްދަލުވުމެއްގައި މިފްކޯގެ ސީއީއޯ ޢަދްލީ އިސްމާއީލް ވިދާޅުވީ އައްޑޫ މަސް ފެކްޓަރީގެ މަސައްކަތް މަޑު ޖެހިފައި އޮތުމަށްފަހު، މިހާރު އެތަން ތަރައްޤީކުރުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ.

އައްޑޫ ސިޓީ ހުޅުމީދޫގައި ތަރައްޤީކުރާ މި މަސް ފެކްޓަރީގައި 50 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލްކަމާއި 100 ޓަނުގެ ސްޓޯރޭޖެއްވެސް ހުންނާނެއެވެ. މީގެއިތުރުން 200 ޓަނުގެ ޑީސަލް ސްޓޯރޭޖާއި 250 ޓަނުގެ ފްރެޝް ވޯޓަރ ސްޓޯރޭޖެއް ހުންނާނެ ކަމަށް މިފްކޯއިން ހާމަކުރެއެވެ.

ހުޅުމީދޫގައި މަސް ފެކްޓަރީ ތަރައްޤީކުރުމުގެ މަޝްރޫޢަކީ 7 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. ހުޅުމީދޫ މަސް ފެކްޓަރީގެ ދެވަނަ ފިޔަވަހީގެ ދަށުން އެތަނުގައި މަސް ބަންދުކުރާ ފެކްޓަރީއެއް ތަރައްޤީކުރުމަށްވެސް ވަނީ ނިންމާފައެވެ.