ޚަބަރު

ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ހުށަހަޅައިފި


ރައްޔިތުން މަޖިލީހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ޕާޓީ ބަދަލުކޮށްފިނަމަ އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓްގައި އެދިއްޖެއެވެ.މިއަދު ބޭއްވި މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި  ދައުލަތުންގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައެޅީ  ދައުލަތުގެ ބަންޑާރަ ނައިބް މުހައްމަދު އަނީލެވެ.ބަންޑާރަ ނައިބް އެދިވަޑައިގެންފައިވަނީ ރައްޔިތުން މަޖީލީހަށް މެމްބަރަކު އިންތިހާބުކުރާއިރު އެ މެމްބަރަކުން އިންތިޚާބްވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެޕާޓީއަކުން ވަކިކޮށްފިނަމަ ނުވަތަ އަމިއްލައަށް ޕާޓީން ވަކިވިނަމަވެސް އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަމަށް ކަނޑައަޅާދިނުމަށެވެ.ބަންޑާރަ ނައިބް މުޙައްމަދު އަނިލް ވިދާޅުވީ އެގޮތަށް ކަނޑައަޅާ ދިނުމަށް އެދިވަޑައިގެންފައިވަނީ ޤާނޫނު އަސާސީގެ 26 ވަނަ މައްދާއާއި 30 ވަނަ މައްދާއާއި 74 ވަނަ މައްދާއާއި ހަތްދިހަފަސްވަނަ މައްދާ މާނަކޮށްގެންކަމަށެވެ.އަނިލް ވިދާޅުވީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި އެ ބާރުތައް ދެމި އޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް ޤާނޫނު އަސާސީގައި ބުނެފައިވާއިރު ރައްޔިތުން މަޖިލީހަށް މެމްބަރަކު ހޮވުމަށް ވޯޓްދިން ރައްޔިތުންގެ ފިކުރާ ޚިލާފަށް ޕާޓީ ބަދަލުކުރެވޭނެމަ އެއީ ގާނޫނު އަސާސީގެ މަޤްސަދާ ޚިލާފްކަމެއްކަމަށެވެ.އަނިލް ވިދާޅުވީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރުގައި ރައްޔިތުންގެ ތާޢީދު ހޯދައިގެން މަޖިލީހަށް އިންތިޚާބުވުމަށްފަހު، ވޯޓު ދިން ރައްޔިތުންނަށާއި، ޕާޓީއަށް ޣައްދާރުވެ ޕާޓީ ބަދަލުކުރުމަކީ އަމަން އަމާންކަމާއި ޤައުމުގެ ސިޔާދަތަށް ނުރައްކާކަމެއްކަމަށެވެ. އަދި އެއީ ޑިމޮކްރަސީއާ ޚިލާފު ކަމެއްކަމަށާ، އެއީ ކުރެވިގެން ވާނެ ކަމެއް ނޫންކަމަށް ދައުލަތުން ޤަބޫލުކުރާކަމަށްވެސް ބަންޑާރަ ނައިބް ވިދާޅުވިއެވެ.އަނިލް ވިދާޅުވީ ޑިމްރަސީގައި ކުރިއަރާފައިވާ ބައެއް ޤައުމުތަކުގައިވެސް ޕާޓީ ބަދަލުކުރުމުން ގޮންޑި ގޭއްލޭގޮތަށް ކަނޑައަޅާ އެގޮތަށް އަމަލުކުރަމުންދާކަމަށެވެ. އެގޮތުން ސިންގަފޫރު، އިންގިރޭސިވިލާތް، އިންޑިއާ ފަދަ ޤައުމުތައް  އަނިލް ފާހަގަކުރެއްވިއެވެ. އަދި އެގޮތަށް ބައެއް ޤައުމުތަކުގައި ކަނޑައަޅާފައިވަނީ  އަމަން އަމާންކަން ޤާއިމްކުރުމަށް ކަމަށެވެ.މި އަދު ބޭއްވި އަޑުއެހުމުގައި އަނިލް ވަނީ، ވޭތުވެދިޔަ ތިން އަހަރު ދައުލަތާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގި ބައެއް ހަރަކާތްތަތަކުގެ މައްޗަށްވެސް އަލި އަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މިގޮތުން ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލުމާއި ރައީސް ޔާމީން ހައްޔަރުކުރުމަށް ސައްޙަނޫން ކޯޓްއަމުރެއް ނެރުމާއި މެއި ޑޭގެ ބޮޑު މުޒާހަރާ ފާހަގަކުރެވޭކަމަށް އަނިލް ވިދާޅުވިއެވެ.މި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލިއިރު ދެން އޮންނަ އަޑުއެހުމެއް ބާއްވާނެ ތާރީޚެއް އިއުލާންކުރައްވާފައެއް ނުވެއެވެ. މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަފަނޑިޔާރު އަބްދުﷲ ސަޢީދާއި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާއި ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީއެވެ.ފާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭގޮތަށް ކަނޑައަޅަދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށައަޅާފައިމިވަނީ ރައްޔިތުން މަޖލީހުގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕާޓީގެ ދިހަ މެމްބަރުންގެ ސޮއާއިއެކު އިދިކޮޅު ފަރާތްތަކުން މަޖްލީހަށް ހުށައަޅާފައިވަނިކޮށެވެ.