ޚަބަރު

ކަރަންޓް ބިލުތަކުން ބޮޑު އިންސައްތައެއް އަގުހެޔޮކޮށްފި


ސަރުކާރުން ތެލުގެ ޑިއުޓީ ކުޑަކުރުމާ ގުޅިގެން، ޢާއްމު ދިރިއުޅުމަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން 600 ޔުނިޓާ ހަމައަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލުން 15 އިންސައްތައާ 10 އިންސައްތައާ ދެމެދުގެ އަދަދަކަށް އަގު ހެޔޮވާނެ ކަމަށް ސްޓެލްކޯއިން ހާމަކޮށްފިއެވެ.  

އަދި ޢާއްމު ދިރިއުޅުމަށް 600 އިންސައްތައަށް ވުރެ މަތީ ޔުނިޓަތަކަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ބިލުން 9 އިންސައްތައާ 7 އިންސައްތައާ ދެމެދުގެ އަދަދަކަށް އަގު ހެޔޮވާނެ ކަމަށްވެސް ސްޓެލްކޯއިން ހާމަކުރެއެވެ.

ކަރަންޓް ބިލްތަކަށް އަންނާނެ ބަދަލުތައް އާއްމުކޮށްފައިވަނީ މިކަމަށްޓަކައި މިއަދު ސްޓެލްކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ތެލުގެ އިމްޕޯޓު ޑިއުޓީ 10 އިންސައްތައިން 5 އިންސައްތައަށް ކުޑަކުރުމާ ގުޅިގެން، އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގުވަނީ ހެޔޮކޮށްފައެވެ. އަދި އެއާ އެކު މިފްކޯއިން މަސްވެރިންނަށް ތެޔޮވިއްކާ އަގަށްވެސް ވަނީ ހެޔޮ ބަދަލެއް އައިސްފައެވެ. އަދި ފެނަކަ ކޯޕަރޭޝަނުން ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ އަގު ވެސް ވަނީ ޔުނަޓަކުން 38 ލާރި ހެޔޮ ކޮށްފައެވެ.

ސްޓެކްލޯއިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގަށް އައި ބަދަލާ ގުޅޭގޮތުން މައުލޫމާތުދިނުމަށް ސްޓެލްކޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ލަތީފް ވިދާޅުވީ ތެލުގެ އަގު ހެޔޮ ވުމުން، ކަރަންޓް ބިލަށް އައި ހެޔޮ ބަދަލުގެ ސަބަބުން މަހެއްގެ މައްޗަށް 8.54 މިލިއަން ރުފިޔާ ބިލްތަކުން ކުޑަކޮށްފައިވާ ކަމަށެވެ.

img:http://s4.psmnews.mv/images/660x400/14996762355745.jpg|ސްޓެލްކޯއިން މިއަދު ބޭއްވެވި ޕްރެސްކޮށްފަރެންސްފައި އެކުންފުނީގެ އިސްވެރިން / ފޮޓޯ: ޕީއެސްއެމް ނިއުސް

އެގޮތުން އާއްމު ދިރިއުޅުމަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެތެރެއިން 73 އިންސައްތައަކީ 600 ޔުނިޓާ ހަމައަށް ކަރަންޓު ބޭނުންކުރާ ފަރާތްތްތައް ކަމަށްވާއިރު، އެފަރާތްތަކުގެ ބިލުން 15 އިންސައްތައާ 10 އިންސައްތައާ ދެމެދުގެ އަދަދަކަށް ވަނީ އަގުހެޔޮކޮށްފައެވެ. އަދި 600 ޔުނަޓަށްވުރެއް މަތީ އަދަދުތަކަށް އާއްމު ދިރިއުޅުމަށް ކަރަންޓު ބޭނުންކުރާ 27 އިންސައްތަ ކަސްޓަމަރުން ތިބި އިރު އެފަރާތްތަކުގެ ބިލުން 9 އިންސައްތައާ 7 އިންސައްތައާ ދެމެދުގެ އަދަދަކަށް އަގުހެޔޮ ކޮށްފައިވާ ކަމަށްވެސް މުހައްމަދު ލަތީފް ވިދާޅުވިއެވެ.  

ވިޔަފާރިއާ އެހެނިހެން ބޭނުންތަކަށް ކަރަންޓު ބޭނުންކުރާ ކަސްޓަމަރުންގެ ތެރެއިން 1000 ޔުނިޓާއި ހަމައަށް ކަރަންޓު ބޭނުންކުރާ ފަރާތްތަކުގެ ބިލުން ހަތެއް އިންސައްތައާ ހަޔެއް އިންސައްތައާ ދެމެދުގެ އަދަދަކަށް ކަރަންޓުގެ އަގު ހެޔޮކޮށްފައިވާއިރު، އެހާސް ޔުނިޓަށް ވުރެ މަތީ ޔުނިޓްތަކަށް ކަރަންޓް ބޭނުންކުރާ ފަރާތްތަކުގެ ބިލުން ހަޔެއް އިންސައްތަ އަގު ހެޔޮވާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދޭ.

މި ބަދަލު ގެނެސްފައިވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ކަމަށާއި، ޖުލައި މަހުގެ ބިލުން މި ބަދަލު ފުރިހަމައަށް ނުފެނުނު ކަމުގައި ވިޔަސް އޮގަސްޓްމަހު ލިބޭ ބިލުން މި ބަދަލު ފުރިހަމައަށް ފެންނާނެ ކަމަށް ސްޓެލްކޯއިން މައުލޫމާތުދެއެވެ.