ޚަބަރު

ޖޭއެސްސީގެ މެމްބަރުކަމަށް، ޢަބްދުﷲ އަރީފް!


ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަލީ ޙަމީދު މުޙައްމަދު ޖޭއެސްސީގެ ރައީސްކަމުންނާއި މެމްބަރުކަމުގެ މަޤާމުން ވަކިކުރައްވައިފިއެވެ.

ޢަލީޙަމީދު ޖޭއެސްސީގެ ރައީސްކަމުގެ މަޤާމުގައި ހުންނެވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުން ޖޭއެސްސީއަށް ޢައްޔަންކުރި މެމްބަރުގެގޮތުގައެވެ. ޢަލީ ޙަމީދުގެ ބަދަލުގައި އެކޯޓުން ޖޭއެސްސީއަށް ޢައްޔަންކުރީ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފެވެ.

ޖޭއެސްސީގެ މެމްބަރުކަމުގެ ދައުރަކީ 5 އަހަރުދުވަހެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން އެކޮމިޝަނަށް ޢައްޔަންކުރާ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ދެ އަހަރުދުވަސްކަމަށް ސުޕްރީމްކޯޓުންވަނީ ހަމަޖައްސާފައެވެ. ފަނޑިޔާރު އަލްއުސްތާޛު ޢަލީ ހަމީދު ޖޭއެސްސީ އަށް އައްޔަން ކުރިތާ މިހާރުވަނީ ދެ އަހަރު ހަމަވެފައެވެ. 

ޢަލީ ޙަމީދުގެ ބަދަލުގައި ސުޕްރީމް ކޯޓުގެ ފަރާތުން ޖޭއެސްސީ އަށް ޢައްޔަންކުރި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފް ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި މަޤާމުގެ ހުވާކުރައްވާފައެވެ.