ޚަބަރު

މިފްކޯއިން، މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކޮށްފި


މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑު ކޮށްފިއެވެ. 

އެގޮތުން މަސް ކިލޯއެއްގެ އަގަށް އެއް ރުފިޔާ އިތުރުކުރުމަށް އެކުންފުނިންވަނީ ނިންމާފައެވެ. މި ބަދަލަށް ޢަމަލުކުރުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ. 

މަސްވެރިންގެ އަތުން މިހާތަނަށް މިފްކޯއިން މަސް ގަންނަމުންއައީ، އައިސްކުރި މަސް ކިލޯއެއް ނަވާރަ ރުފިޔާއަށް، އައިސް ނުކުރާ މަސް ކިލޯއެއް ސަތާރަ ރުފިޔާއަށެވެ. މިހާރު މިގެނައި ބަދަލާއެކު މިފްކޯއިން ދެން އައިސްކުރި މަސްކިލޯއެއް ގަތުމަށް ހަމަޖެހިފައިވަނީ ވިހި ރުފިޔާއަށެވެ. އަދި އައިސް ނުކުރާ މަސްކިލޯއެއްގެ އަގު މިހާރު ވަނީ އަށާރަ ރުފިޔާއަށް ބޮޑުކޮށްފައެވެ. 

މަސް ގަންނަ އަގު ބޮޑުކުރުމަށް ނިންމާފައިވާކަން އިޢުލާންކުރުމަށް އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑު ކުރުމަށް ނިންމީ ބައިނަލްއަޤްވާމީ ބާޒާރުގައި މަހުގެއަގު އުފުލިފައިވުމުންކަމަށެވެ. 

އަދި އެސްޓީއޯއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ މިހެން ލިބޭ ފައިދާތައް މަސްވެރިންނާ ހަމައަށް ފޯރުކޮށްދިނުމަށް ކަމަށް ޝަހީރު ވިދާޅުވިއެވެ. 

މި ނޫސްވެރިންގެ ބައްދަލުވުމުގައި މިފްކޯގެ ސީއީއޯ ޢަދްލީ އިސްމާޢީލް ވިދާޅުވީ ބައިނަލްއަޤްވާމީ ބާޒާރަށް އަންނަ ހުރިހާ ބަދަލްތަކެއް ރާއްޖޭގެ މަސްވެރިންނާ ހަމައަށް ނާންނަ ކަމަށެވެ. އެގޮތުން މަހުގެ އަގުތައް ދަށަށްދާ ދުވަސްވަރުގައިވެސް، މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަ އަގަށް ބަދަލް ނުގެންނަ ކަން ފާހަގަކުރެއްވިއެވެ. 

މިދުވަސްވަރަކީވެސް މަސްވެރިކަން އެވްރެޖްކޮށް ރަގަޅު ދުވަސްވަރެއް ކަމަށް ޢަދްލީ ވިދާޅުވިއެވެ.  އަދި އަގަށް މިއައި ބަދަލުގެ ބޭނުން ހިފުމަށް އަދްލީ ގޮވާލެއްވިއެވެ. ޢަދްލީ ވިދާޅުވީ މަހަށް ރަގަޅު އަގު ހޯދުމަށް މަސްވެރިން އައިސް ބޭނުން ކުރުން މުހިއްމު ކަމަށެވެ. އަދި އައިސް ލިބޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސާދީފައިވާކަމަށް އަދްލީ ވިދާޅުވިއެވެ.