ސިޔާސީ

ޕާޓީގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރި - ނަޝީދު





 


ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީއަށް ވަރަށް ބޮޑު ނާކާމިޔާބެއް ލިބިފައިވާކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ޕީޕީއެމުން ހޯދި ކާމިޔާބަށް މަރުހަބާ ވިދާޅުވާކަމަށް އެމްޑީޕީގެ ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


 
އިންތިޚާބުގެ ނަތީޖާއަށްފަހު ނޫސްވެރިންނާއި މިއަދު ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އެޕާޓީން ގަބޫލުކުރިނަމަވެސް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އެންމެފަހުވަގުތު ވަކިކުރުމުން އިންތިޚާބުގެ ކަންކަން ގެންދިޔަ ގޮތާއިމެދު ސުވާލުތަކެއް ހުރިކަމަށެވެ. އެމްޑީޕީން އުއްމީދުކުރި ވަރުގެ ނަތީޖާއެއް ނުލިބުމުން ސަރުކާރު ޖަވާބުދާރީކުރުވުމުގައި އެންމެ ރަގަޅު ރޯލެއް އެމްޑީޕީއަށް އަދާނުކުރެވޭނެކަމަށާއި އެހެންނަމަވެސް އެކަންކުރެވެން އޮތްގޮތަކުން އެމްޑީޕީން ކުރިއަށް އޮތްތާގައި އެޕާޓީގެ ހަރަކާތްތައް ގެންދާނެކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ސާޅީސް ފަސް ގޮނޑި އެމްޑީޕީއަށް ލިބޭނެކަމަށް އުއްމީދުކުރެއްވިކަމަށެވެ. އެހެންވިޔަސް އެވަރުގެ ނަތީޖާ އެއް ނުލިބުނީ ޕާޓީގެ ކެންޑިޑޭޓުން ކެމްޕޭނަށް ޚަރަދުކުރެއްވުމަށް ބޭނުންވި ވަރަށް ޕާޓީއަށް ފައިސާ ނެތުމާއި، ވޯޓުލާން މީހުން ނިކުތްވަރު މަދުވުމާއި، އިލެކްޝަންސް ކޮމިޝަނަށް އޮތް އިތުބާރު ކުޑަވެގެން ދިއުންކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.


 
ނަޝީދު ވިދާޅުވީ، މި ނަތީޖާ ލިބުމުގައި ޕާޓީގެ ފަރާތުން ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމަށްވެސް ޤަބޫލުކުރައްވާކަމަށެވެ. އެގޮތުން ލީޑަރޝިޕްގެ ބޮޑެތި މަޤާމްތައް ހުސްކޮށް އޮތުން ފާހަގަކުރެއްވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، ސަރުކާރަށް ލިބިފައިވަނީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އެހެން ނަމަވެސް މަޖިލީހަށް ލިބިފައިވާ އަޤްލަބިއްޔަތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފާ ހަރުދަނާ މަސައްކަތެއް ކުރައްވާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.


 
 


މިއިންތިޚާބުގައި އެޕާޓީގެ މިހާރުގެ މަޖިލިސް މެމްބަރުންގެގޮތުގައި ތިއްބެވި ވަރަށް ގިނަ ބޭފުޅުންނަށްވަނީ ގޮނޑި ގެއްލިފައެވެ.