މުނިފޫހިފިލުވުން

"ކުލަވަރު"ގެ އެންމެ މޮޅު ޑްރާމާއަކަށް "ދަހިވިގަނި" ހޮވިއްޖެ


ދިވެހިރާއްޖޭގެ އަޑުގެ ފަސްވަނަ ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު"ގެ އެންމެ މޮޅު ޑްރާމާއަކަށް މޯލްޑިވްސް އިމިގްރޭޝަންގެ "ދަހިވިގަނި" ހޮވިއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ ފަސްވަނަ ރޭޑިއޯ ޑްރާމާ މުބާރާތުގައި 24 އިދާރާއަކުން 25 ޑްރާމާ ހުށައަޅާފައިވެއެވެ. މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް އައި ފަރާތްތަކަށް އިނާމާއި ހަނދަނީ ލިޔުން ދިނުމަށް ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރ ޖަމީލް އުސްމާނެވެ.

މި މުބާރާތުގައި ޖުމްލަ 8 އެވޯޑެއް ދީފައިވާއިރު މީގެތެރެއިން 3 އެވޯޑަކީ މިފަހަރު މުޅިން އަލަށް ތަޢާރަފްކުރި 3 އެވޯޑެވެ. ރޭޑިއޯ ޑްރާމާ މުބާރާތް "ކުލަވަރު"ގެ އެންމެ މޮޅު ޗައިލްޑް ވޮއިސް އާޓިސްޓަކަށް ހޮވުނީ ތާޖުއްދީން ސްކޫލްގެ ޢައިޝަތު މިޝްކާއެވެ. އެންމެ މޮޅު އަންހެން ސަޕޯޓިން ވޮއިސް އާޓިސްޓަކަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އާރިފާ އާދަމް ހޮވުނުއިރު، އެންމެ މޮޅު ފިރިހެން ސަޕޯޓިންގ ވޮއިސް އާޓިސްޓަކަށް ހޮވުނީ ސްޓެލްކޯގެ ހުސައިން ނޫރައްދީނެވެ.

އެންމެ މޮޅު އަންހެން ވޮއިސް އާޓިސްޓަކަށް ހޮވުނީ މޯލްޑިވްސް އިންލެންޑް ރެވިނިއު އޮތޯރިޓީގެ އައިޝަތު ސުހާއެވެ. މީގެއިތުރުން ސުހާ ވަނީ މި މުބާރާތުގެ އެންމެ މޮޅު ވާހަކަ ލިޔުންތެރިޔާގެ މަޤާމްވެސް ހާސިލްކޮށްފައެވެ. އެންމެ މޮޅު ފިރިހެން ވޮއިސް އާޓިސްޓަކަށް ހޮވުނީ މޯލްޑިވްސް އިމިގްރޭޝަންގެ ޝައްމާން ޢަބްދުލް ވަޙީދެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ މޮޅު ޑްރާމާއަކަށް ހޮވިފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ދަހިވިގަނިއެވެ. މުބާރާތުގެ އެންމެ މޮޅު ޕްރޮޑިއުސަރަކަށް ހޮވިފައިވަނީ އިމިގްރޭޝަންގެ ޢަބްދުﷲ ވިޝާންއެވެ. މުޅި މުބާރާތުން ދެވަނަ އަށް ދިޔައީ މޯލްޑިވްސް އިންލެންޑް ރެވިނުއު އޮތޯރިޓީން ހުށައެޅި "ކިހިނަކުން ކުރާނީ މާފް"އެވެ. އަދި ތިންވަނަ ޑްރާމާއަކަށްވެސް ހޮވިފައިވަނީ މީރާއިން ހުށަހަޅާދީފައިވާ ޑްރާމާއެއްކަމަށްވާ ލޯބިވާތީއެވެ. މިމުބާރާތުން އެއްވަނަ ހޯދި އިމިގްރޭޝަނުން ބުނީ މުބާރާތުން އެއްވަނަ ލިބުނީ އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުއްލަތީފް ވިދާޅުވީ، ޚަބަރާއި މައުލޫމާތު ފެތުރުމުގެ އިތުރުން ރައްޔިތުން މުނިފޫހި ފިލުވުމަކީވެސް ޕީއެސްއެމްގެ ޒިންމާއެއްކަމަށެވެ. އަދި ޤައުމުގައި ފިތުނަ ފަސާދައާއި ހަމަނުޖެހުން އުފެއްދުމަށް ހިއްވަރު ލިބޭގޮތަށް ވާހަކަދެއްކުމުގެ ފުރުޞަތު ޕީއެސްއެމްގެ އެއްވެސް ޗެނަލްއަކުން ދެވެންނޯންނާނެކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ޤައުމީ މީޑިއާގައި ކަންކުރަނީ މިގޮތަށްކަން އިކްރާމް ފާހަގަކުރެއްވިއެވެ. އިކްރާމް ވިދާޅުވީ، އެކި ވަރުގެ ވާހަކަތައް ހިމެނޭނެގޮތަށް ރޭޑިއޯގެ ޕްރޮގްރާމްތަކަށް ބައެއް ބަދަލުތައް ގެނައުމަށް މިއަހަރުން ފެށިފެން ނިންމާފައިވާކަމަށެވެ. އެގޮތުން ކުރު ޑްރާމާއާއި ކުރު ތަމްސީލް އަދި ކުރު ވާހަކައަށްދޭ އިސްކަން އިތުރުކުރުމަށް ޕީއެސްއެމުން ނިންމާފައިވާކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރ ޖަމީލް އުސްމާން ވަނީ ޕަބްލިކް ސާރވިސް މީޑިއާގެ ޤާނޫނީ ޒިންމާ އަދާކުރަން ކުރާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ. އަދި ޑްރާމާތަކުގެ މޮޅުކަމާއި ބައިވެރިންގެ ހުނަރަށް ތަޢުރީފް ކުރެއްވިއެވެ.

މި މުބާރާތުގެ ޕްރޮޑިއުސަރ ފާތުމަތު ވަހީދާ ބުނީ މީގެކުރީގެ އަހަރުތަކާއަޅާބަލާއިރު މިފަހަރުގެ މުބާރާތަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށެވެ. އަދި މިފަހަރުގެ މުބާރާތުގެ ޑްރާމާތަކުގެ ފެންވަރު ވަރަށް ރަނގަޅުކަން ފާތުމަތު ވަހީދާ ފާހަގަކުރިއެވެ.

މިހަފްލާ ކުރިއަށްދިޔައީ މުނިފޫހި ފިލުމުގެ ހަރަކާތްތަކާއެކުގައެވެ. މީގެތެރޭގައި ޒުވާން ލަވަކިއުންތެރިއާ ބަތޫލާއި، މޯލްޑިވިއަން އައިޑޮލް ސީޒަން ދޭކުން ވިދާލި، ޖައިޝާއާއި ރީހާންގެ ހުށައެޅުންތައް ފެނިގެންގޮސްފައިވެއެވެ.