ދީން

ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ އިމާމުން ހޯދަނީ


މި އަހަރު ޙައްޖު ދަތުރުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާނެ އިމާމުން ހޯދުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިއުލާންކޮށްފިއެވެ.

މި ފުރުޞަތަކީ ޙައްޖާޖީންނަށް ދީނީ ކަންކަން އޮޅުންފިލުވައިދިނުމާއި ކަމާއި ގުޅޭ މަޢުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމާއި، ދިނީ ދަރުސް ދިނުމާއި، ދިމާވާ އެކިއެކު ކަންކަމުގައި އެހީތެރިވެދިނުމަށް ހުޅުވާލާ މަޤާމެއް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ. މި މަޤާމަށް ދެމީހުން ހޯދުމަށް ގެޒެޓުކޮށްފައިވާއިރު ޝަރުތުތަކުގެ ތެރޭގައި ޝަރީޢާ އިސްލާމިއްޔާ، ފިޤްހު ނުވަތަ ދީނީ އިލްމުގެ ދާއިރާތަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށް، ދީނީ ދަރުސް ދިނުމުގެ ހުއްދަ ލިބިފައިވާ މީހަކަށް ވުން ހިމެނެއެވެ.

އިމާމުންގެ އިތުރުން ކައްކާ ކާންދިނުމުގެ މަސައްކަތް ކުރާމެ 2 މީހުންނާއި، އަދި ހައްޖުވެރިންނަށް ހަމަޖައްސާފައިވާ އިންތިޒާމުތައް ބެލެހެއްޓުމަށް 2 ޕޯޓް ސަރވިސް  އޮފިސަރުން ހޯދުމަށްވެސް އިއުލާންކޮށްފައިވެއެވެ.

ޙައްޖު އަދި ޢުމްރާ ދަތުރުތަކުގައި ހިލޭސާބަހަށް މަސައްކަތްކޮށްދިނުމަށް އެދި ހުށަހަޅާ ފޯމު ހައްޖު ކޯޕަރޭޝަނުންނާއި އެ ކޯޕަރޭޝަމްގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.