ޚަބަރު

ޒަކާތުގެ ބޮޑު ބައެއް ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުނަށް


މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ ތެރެއިން، 4 މިލިއަން ރުފިޔާ ފަގީރުންނަށް ބެހުމަށްފަހު، ބާކީ ހުރި ފައިސާއާއި، ގޮވާމުން ލިބުނު ޒަކާތުގެ ބޮޑު ބައެއް ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންނާއި ދުވަސްވީ މީހުނަށް ބަހައިފިއެވެ.

ރާއްޖޭގެ އާބާދީގެ ތިންބައި ކުޅަ ދެބައި މީހުން މާލެ ސަރަޙައްދުގައި ދިރިއުޅޭއިރު، ފިތުރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ ފައިސާ ލިބެނީވެސް މާލެ ސަރަޙައްދުންނެވެ. ޒަކާތާމެދު އާންމުން ހޭލުންތެރިވެ، ޒަކާތް ދައްކާ މީހުންގެ އަދަދު އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ.

މިއަހަރަކީ މާލެ ސަރަޙައްދުން ރެކޯޑް މިންވަރަކަށް ފިތުރު ޒަކާތް ލިބުނު އަހަރެކެވެ. ފިތުރު ޒަކާތާއި، ސަދަޤާތުގެ ގޮތުގައި މިއަހަރު ޖުމްލަ 4.8 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ގޮވާމުގެ ބާވާތްތަކުން 14 ޓަނުގެ ހަނޑުލާއި، ފުށް ލިބިފައިވެއެވެ.

މާލެ ސަރަޙައްދުގައި 3100 އެއްހާ ފަގީރުން ތިބިއިރު، ބޮލަކަށް 1250 ރުފިޔާ ޒަކާތުގެ ގޮތުގައި ދޫކޮށްފައިވެއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ފިތުރު ޒަކާތުގެ ގޮތުގައި 4 މިލިއަން ރުފިޔާ ބެހުމަށްފަހު، ބާކީވި 800،000 ރުފިޔާ ދީފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުޑަކުދިންނާއި ދުވަސްވީ މީހުން ތިބި ތިން ތަނަކަށް ކަމަށެވެ. މީގެތެރޭގައި ހިމެނެނީ ކުޑަކުދިންގެ ހިޔާއާއި، ފިޔަވަތި އަދި ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒެވެ.

ފައިސާގެ އިތުރުން، ގޮވާމުން ލިބިފައި ހުރި ޒަކާތުގެ ބޮޑު ބައެއްވެސް މި ތަންތަނަށް ހަދިޔާކޮށްފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. ގޮވާމުން ލިބުނު 14 ޓަނުގެ ތެރެއިން ފަޤީރުންނަށް ބަހާފައިވަނީ 4 ޓަނުގެ ގޮވާމެވެ. ބާކީ ހުރި ހަނޑުލާއި ފުށް ދީފައިވަނީ ކުޑަކުދިންގެ ހިޔާއާއި، ފިޔަވަތި އަދި ގުރައިދޫ މަރުކަޒަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުން އުޅޭ ހުރިހާ ރަށެއްގައިވެސް ފިތުރު ޒަކާތް ނަގާ، ޒަކާތް ބެހުމުގެ ކަންކަން ވަރަށް ރަގަޅަށް ދިޔަކަން އިސްލާމިކް މިނިސްޓްރީން ފާހަގަކުރެއެވެ. އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ރަށްރަށުން ހޯދަންޖެހޭ ޒަކާތާ ބެހޭ ބަޔާންތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.