ވިޔަފާރި

އެސްބީއައިގެ މޯބައިލް ބޭންކިންގ ޚިދުމަތް ތައާރަފްކޮށްފި


ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ރާއްޖޭގައި މޮބައިލް ބޭންކިންނާއި ރިކަރިން ޑިޕޮސިޓްގެ ޚިދުމަތް ތައާރަފްކޮށްފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި، އެސްބީއައިގެ މި ދެ ޚިދުމަތްވެސް ތައާރަފްކޮށްދެއްވީ، އެމްއެމްއޭގެ ގަވަރުނަރު ޑރ އަޒީމާ އާދަމެވެ.އެސްބީއައިގެ މޯބައިލް އެޕްލިކޭޝަނަށް ދީފައިވާ ނަމަކީ، "އެސްބީއައި މޯލްޑިވްސް އެނީވެއާ" އެސްބީއައި މޯލްޑިވްސްގެ މޯބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުގެ އެކައުންޓްގެ މައުލޫމާތާއި، ފައިސާ ޓްރާންސްފަރ ކުރުމުގެ ޚިދުމަތުގެ އިތުރުންވެސް ބޭންކިންގެ އަސާސީ ބައެއް ޚިދުމަތްތައްވެސް ލިބޭނެއެވެ. ރިކަރިން ޑިޕޮސިޓް ގެ ޚިދުމަތަކީ، ފަހަށް ފައިސާ ރައްކާކުރުމަށް ބޭނުންވާ މީހުންނަށް ހާއްސަ ޚިދުމަތެކެވެ.

އެސްބީއައިގެ މި ދެ ޚިދުމަތް ތައާރަފްކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްބީއައި މޯލްޑިވްސްގެ ސީއީއޯ، ދީރާޖްކުމާރު ވިދާޅުވީ، ދިވެހިރާއްޖެއަކީ އެ ބޭންކްގެ ވަރަށް ހާއްސަ މަރުކަޒެއްކަމަށެވެ. އެސްބީއައި ބޭންކުން ދިވެހިރާއްޖޭގައި ޚިދުމަތް ދެމުން އަންނަތާ ސާޅީސް ތިން އަހަރު ވެފައިވާއިރު، މީގެން ދައްކައިދެނީ އެ ބޭންކާއިމެދު ދިވެހިރާއްޖެ ކުރަމުން އަންނަ އިތުބާރުކަމަށް ދީރާޖުކުމާރު ވިދާޅުވިއެވެ.

އިންޑިއާގެ ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ދިވެހިރާއްޖޭގައި ބޭންކިންގެ ޚިދުމަތް ފަށާފައިވަނީ، އޮނަވިހިސަތޭކަ ހަތްދިހަ ހަތަރުވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ. އެސްބީއައިގެ ގޮފިތައް ދުނިޔޭގެ ތިރީސް ހަ ޤައުމެއްގައިވަނީ ޤާއިމްކޮށްފައެވެ.