ޚަބަރު

މަސްވެރިކަމުގެ ސިނާއަތަށް 18 މިލިއަން ޑޮލަރުގެ އެހީއެއް!


ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް 18 މިލިޔަން ޑޮލަރުގެ ހިލޭ އެހީއެއް ދިނުމަށް ވޯލްޑް ބޭންކުން ނިންމާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ.މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. 

މިހާރު ކުރިއަށްދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގެ ތެރެއިން ކުރިޔަށްދިޔަ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސެމިނާރ އިފްތިތާޙުކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ވިދާޅުވީ، މިއެހީއަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ވޯލްޑް ބޭންކުން މިހާތަނަށް ދޭ އެންމެ ބޮޑު ފައިސާގެ އެހީކަމަށެވެ.

މިނިސްޓަރ ޝައިނީ ވިދާޅުވީ މިއީ ރާއްޖޭގެ މަސްވެރިކަން ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައިގަނެ ރާއްޖޭގެ މަސްވެރިކަމަށް އިތުބާރުކުރާކަމުގެ ހެއްކެއް ކަމަށެވެ. އަދި މިކަމަކީ ރާއްޖޭގެ މަސްވެރިކަން ފުޅާކޮށް ތަރައްޤީ ކުރުމަށް އަމިއްލަ ކުންފުނިތަކުންވެސް ރަނގަޅު ފިޔަވަޅުތަކެއް އަޅަމުންދާކަމުގެ ހެއްކެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިރަސްމިއްޔާތަށްފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރ ޝައިނީ ވިދާޅުވީ، ވޯލްޑް ބޭންކުން ރާއްޖޭގެ މަސްވެރިކަމަށްދޭ ފައިސާގެ އެހީގައި ސޮއިކުރުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.

އެމްއެމްއޭއިން އިންތިޒާމްކޮށްގެން ދަރުބާރުގޭގައި ބާއްވާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންނިތަކުން ބައިވެރިވެއެވެ.