ތަރައްްޤީ

"7000 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ އަހަރު ނިންމާލެވޭނެ"


ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 7000 ހައުސިންގ ޔުނިޓުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިންމާ، އެތަންތަނުގައި އާއްމުން ދިރިއުޅެން ފަށާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޗައިނާއިން ތަރައްޤީކުރާ މި 7000 ހައުސިންގ ޔުނިޓް އެކުލެވިގެންވަނީ 25 ބުރީގެ 16 ޓަވަރުގެ މައްޗަށެވެ. މި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް މިހާރު ފަށާފައިވާއިރު، މިވަގުތު އެންމެ ބާރު ދުވެލީގައި ކުރިއަށްދަނީ ފައުންޑޭޝަންގެ މަސައްކަތްތަކެވެ. ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު ވިދާޅުވީ، މާލޭ ސަރަޙައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށް، މާލޭގެ ތޮށްޖެހުން ކުޑަކުރުމަށްޓަކާ، ހުޅުމާލޭ ތަރައްޤީކުރުމުގެ މަސައްކަތް ފެށިނަމަވެސް، އެކި ސަބަބުތަކާހުރެ ފާއިތުވި އަހަރުތަކުގައި އެކަށީގެންވާ މިންވަރަށް ހުޅުމާލޭގައި ހައުސިންގ ޔުނިޓްތައް ތަރައްޤީކުރެވިފައިނުވާކަމަށެވެ. އެހެންކަމުން ރައީސް ޔާމިންގެ ސަރުކާރުން ސޯޝަލް ހައުސިންގއަށް ވަރަށް ބޮޑު އަޙައްމިއްޔަތުކަމެއްދީގެން، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި އެތައް ސަތޭކަ ހައުސިންގ ޔުނިޓެއް ތަރައްޤީކުރުމުގެ މަސައްކަތް ބާރުދުވެލީގައި މިހާރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް ނިމި، އެތަންތަން  އާއްމުންނަށް ދިރިއުޅުމަށް ދޫކުރަން ފަށާނެކަމަށް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

"ކުރިއަށް މިއޮތް ދުވަސްތަކުގައި ފެނިގެންމިދަނީ ވަރަށް ބޮޑެތި އަދަދުތަކުން ހައުސިންގ ޔުނިޓްތައް ހިމެނޭގޮތަށް މަޝްރޫޢުތައް ފެށޭތަން. 7000 ހައުސިންގ ޔުނިޓަކީ ސޯޝަލް ހައުސިންގ. މިތަންތަން އެޅުމުގެ މަސައްކަތް ފެށުމަށްޓަކާ، ޢަމަލީގޮތުން އެވަނީ މޮބިލައިޒްކުރެވި، ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފެށިފައި. އަދި އޭގެ ލޯނުގެ ހުރިހާކަމެއްވެސް ހަމަޖެހި، ލޯން އެގްރީމެންޓްތަކުގައި ސޮއިކުރުމަށް ތައްޔާރުވެފައި. މިއީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނުވާނެ މަޝްރޫޢެއް. ސަރުކާރުން ދަންނަވާލަން ބޭނުންވާކަމަކީ، މި 7000 ހައުސިންގ ޔުނިޓްގެ މަސައްކަތް މާ ލަސްތަކެއް ނުވެ ޢަމަލީގޮތުން ފެށިގެންގޮސް، މި ދައުރު ނިމެންވާއިރަށް، މި ފްލެޓްތަކަށް ވަންނާނެ މީހުން ކަނޑައަޅާ، ފްލެޓްތައް ލިބޭ ފަރާތްތަކަށް، އެތަންތަން ހަވާލުކުރާނެކަން. މީގެ އިތުރުން އެކި އެކި މަޝްރޫޢުތައް މިދަނީ ހިންގަމުން. ގާތްގަނޑަކަށް ސާޅިސް ހާސް ހައުސިންގ ޔުނިޓްގެ މަސައްކަތް އެކި އެކި ފޭސްގައި އެކި އެކި މަރުހަލާތަކުގައި ކުރިއަށް އެދަނީ.. މީޑިއަމް ރޭންޖް، ހައި އެންޑް އަދި ސޯޝަލް ހައުސިންގ ޔުނިޓްތަކަށް އަމާޒުކޮށްގެން" މިނިސްޓަރ ވިދާޅުވިއެވެ.

މި 7000 ފްލެޓްގެ އިތުރުން، "ލޯކަލް ޑިވެލޮޕަރ ޕްރޮޖެކްޓް"ގެ ނަމުގައި އެޗް.ޑީ.ސީން ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ފްލެޓް އެޅުމަށް އަމިއްލަ 7 ކުންފުންޏަކާ ހަވާލުކުރުމަށް އެކުންފުނިން ނިންމާފައިވާއިރު، މީގެ ތެރެއިން ބައެއް ފްލެޓްތަކުގެ ޢަމަލީ މަސައްކަތް މިހާރު ފެށިގެންކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ މާލޭ ސަރަޙައްދުގެ އިތުރުން، ރާއްޖޭގެ އުތުރާ ދެކުނުގައި ސަރުކާރުން ތަރައްޤީކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތުގެ ބޮޑުބައެއްވެސް މިހާރު ވަނީ ނިމިފައެވެ. އަދި މިތަންތަން އާއްމުންނަށް ދޫކުރުމަށްޓަކާ ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް މިހާރުވަމުންދާކަމަށް ހައުސިންގ މިނިސްޓްރީން ހާމަކުރެއެވެ. މި ތަންތަނަށް ފައިސާދެއްކުމުގައި ރައްޔިތުންނަށް ލުއިފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމަށްޓަކާ، މާލީ އިދާރާތަކާއި ގުޅިގެން އެ މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.