ސިޔާސީ

"ދައުރުގެ މެދުތެރެއިން ރައީސް ޔާމީން ވެރިކަމުން ދުރުކުރަން ރޭވި"


ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން އެމަނިކުފާނު ވެރިކަމުން ދުރުކޮށް ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މާކުރިންސުރެ ރާއްވަވާފައިވާކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅަފައި ހުންނަ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ތުހުމަތުކުރައްވައިފިއެވެ.

ޕޕީއެމްގެ ކައުންސިލް މެމްބަރުކަންވެސް ކުރައްވާ ހުސައިން ޝަރީފް  ވިދާޅުވީ ރިޔާސީ ދައުރުގެ މެދުތެރެއިން އެހެން ބޭފުޅަކާ ވެރިކަން ހަވާލު ކުރެއްވުމަކީ މައުމޫން ގެންގުޅުއްވި ފަލްސަފާއެއްކަމަށެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުންޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ކައުންސިލް މެމްބަރ އަދި ރާއްޖެއިން ޖަޕާނަށް ކަނޑައަޅަފައި ހުންނަ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް ވަނީ އިދިކޮޅު ފަރާތްތަކާއި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީން، ރައީސް މައުމޫނާ މެދު ކަންތައް ކުރެއްވީ ވަރަށް ރަނގަޅަށް އިހުތިރާމާއި އެކުކަމަށެވެ. ޕާޓިގެ ވެރިއަކާމެދު އަދި އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މާ ރަނގަޅަށް ރައީސް މައުމޫމާއި މެދު ރައީށް ޔާމީން ކަންތައްކުރެއްވިކަމަށް ޙުސައިން ޝަރީފް ވިދާޅުވިއެވެ. ރައީސް މައުމޫން ބޭނުންފުޅުވި ކޮންމެ ކަމެއް ބޭނުންފުޅުވި ކޮންމެ ވަގުތެއްގައި ކޮށްދީފައިވާކަމަށާއި، ޤާނޫނުގެ އިމުގެ ތެރެއިން ކޮށްދެވެން ހުރި ކޮންމެ ކަމެއް ރައީސް ޔާމީން ކޮށްދެއްވާފައިވާކަމަށްވެސް ހުސެއިން ޝަރީފް ވިދާޅުވިއެވެ.

ރައީސް މައުމޫނާއި މެދު ރައީސް ޔާމީން އިހްތިރާމާއި އެކު ކަންތައްކުރެއްވި ނަމަވެސް ރައީސް މައުމޫންގެ އިޚްލާސްތެރިކަމާމެދު މުޙައްމަދު ޙުސައިން ޝަރީފް ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.

ރައީސް މައުމޫންގެ ވެރިކަމުގައިވެސް ސަރުކާރުގެ އިސް މަގާމުތަކެއް އަދާކުރެއްވި މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވީ ރައީސް މައުމޫން، ރައީސް ޔާމީން އާއި ދެކޮޅަށް ވިސްނުން ބަދަލުވާންޖެހޭ އެއްވެސް ސަބަބެއް ފެނިވަޑައިނުގަންނަވާކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމުގެ މާ ކުރިން، ދައުރުގެ މެދުތެރެއިން ރައީސް ޔާމީން "ޕްލޭސް ހޯލްޑާ"އަކަށް ހެއްދެވުމަށް ނުވަތަ ރައީސްކަމުން ރައީސް ޔާމީން ދުރުކުރައްވާ، ރައީސް މައުމޫން  ބޭނުންފުޅުވާ ބޭފުޅެއް ވެރިކަމަށް ގެނައުމަށް މާކުރިން ވެސް ރާވައި ސައްލާ ކޮށްފައިވާ ކަމަށް ޙުސައިން ޝަރީފް ތުހުމަތުކުރެއްވިއެވެ.

އިދިކޮޅު ފަރާތްކަށް ރައްދުދެއްވާ މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، އިދިކޮޅުގައި ތިއްބެވީ ދުވަހަކުވެސް އެއްބައެއްގެ ގޮތުގައި ތިބެވޭނެ ބައެއް ނޫންކަމަށާއި، އެމީހުންނަށް އެއްގަލަކަށް އެރޭނެ އެއްވެސްގޮތެއް ނެތްކަމަށެވެ. މަޖިލީހުގެ ރައީސް ދުރުކުރުމަށް ކުރާ މަސައްކަތްތަކަކީ މަޖިލީހުގެ ރައީސްގެ މައްސަލައެއް އޮވެގެން ކުރާކަމެއް ނޫންކަމަށާއި، އެއީ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަން ބޭނުންވެގެން ކުރާ ކަންތައްތަކެއްކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ މާ ކުރިން، އަވަސް އަރުވާލައިގެން އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަކީ "ބަޣާވާތެއް"ގެ ގޮތުގައި މުހައްމަދު ހުސެއިން ޝަރީފް ސިފަކުރެއްވިއެވެ.

ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް އޮފީހުގައި އެމަނިކުފާނުގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރެއްވި މުހައްމަދު ޙުސެއިން ޝަރީފް ވިދާޅުވީ ރައީސް މައުމޫންގެ ވެރިކަމުގައި ފެއިލްވި ކަންކަން ވަރަށް ކާމިޔާބުކަމާއެކު ރައީސް ޔާމީން ކުރިއަށް ގެންދަވާކަމަށެވެ. އަދި ރައީސް ޔާމީންގެ މަސައްކަތްފުޅަށް އެންމެ ބޮޑަށް ފަހުރުވެރިވާންޖެހޭ ބޭފުޅަކީވެސް ރައީސް މައުމޫންކަމަށާއި ރައީސް ޔާމީން ރިޔާސީ ދެދައުރު ފުރިހަމަ ކުރައްވާނެކަމަށް މުހައްމަދު ހުސެއިން ޝަރީދް ވިދާޅުވިއެވެ.