ވިޔަފާރި

"އައިހެވަން" މަޝްރޫޢުގެ މާސްޓަރ ޕްލޭން މިމަހުގެ ތެރޭ ނިންމަނީ


އިހަވަންދިއްޕޮޅުގައި ތަރައްޤީކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު "އައިހެވަން" މަޝްރޫޢުގެ މާސްޓަރ ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް މިމަހުގެ ތެރޭ ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އައިހެވަން މަޝްރޫއުގެ ފީސިބިލިޓީ ސްޓަޑީ ބޮސްޓަން ކޮންސަލްޓިން ގުރޫޕާއި ހަވާލުކޮށް އެމަސައްކަތް މިހާރުވަނީ ނިމިފައެވެ. އައިހެވަން މަޝްރޫއުގެ މާސްޓާޕްލޭން ހެދުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ސިންގަޕޫރުގެ ސުރުބާނާ ޖުރޯންގް ކޮންސަލްޓަންޓްސްއާއެވެ.

އެއާރޕޯޓް މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު، ނޫސްވެރިންނާއި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، އައި ހެވަން މާސްޓަރ ޕްލޭންގެ މަސައްކަތް ނިމުމުން، އެ މަޝްރޫއާ ކުރިއަށްގެންދާނެ ގޮތުގެ ހުރިހާ ތަފްސީލެއް ލިބޭނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ  ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދަނީ މާސްޓަރ ޕްލޭންތައް ހެދުމަށްފަހު، ވަރަށް ބޮޑަށް ރޭވިގެން ކަމަށެވެ. އެގޮތަށް މަސައްކަތް ކުރުމުން، މަޝްރޫއުތައް ހަލުވި ކަމާއި އެކު، ހުއްޓުމެއްނެތި ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ތަރައްޤީކުރާ އައިހެވަން މަޝްރޫއުގައި ހިމެނެނީ މައިގަނޑު 6 ކަމެކެވެ. އެއީ ބަނދަރަކާއި އެއަރޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓާއި ރިސޯޓު ތަރައްޤީކުރުމެވެ.

"އައިހެވަން" މަޝްރޫޢުއަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހެވަން ތަރައްޤީ ކުރެއްވުމެވެ.