ވިޔަފާރި

އެޗްޑީއެފްސީން 150 މިލިއަން ރުފިޔާގެ ސުކޫކް ވިއްކަން ހުޅުވާލައިފި


ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެޗްޑީއެފްސީން ދެވަނަ ފަހަރަށް ޞުކޫކް ދޫކުރުމަށް ނިންމައި، ސަތޭކަ ފަންސާސް މިލިއަން ރުފިޔާގެ ސުކޫކް ވިއްކުމަށް ހުޅުވާލައިފިއެވެ.

ޞުކޫކް ގަތުމަށް އާއްމުނަށް ދެވަނަ ފަހަރަށް ފުރުޞަތު ހުޅުވާލައި އެޗްޑީއެފްސީން ވަނީ، ޞުކޫކްގެ ޕްރޮސްޕެކްޓަސް ނެރެފައެވެ. ޕްރޮސްޕެކްޓަސް ނެރެދެއްވީ އެޗްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރު ރަހީމާ ސަލީމްއެވެ.

މިކަމާއި ބެހޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި އެޗްޑީއެފްސީގެ އިސްލާމިކް ފައިނޭންސް މެނޭޖަރ އަޒްމީނު ރަޝީދު ވިދާޅުވީ، އިސްލާމީ އުސޫލްތަކުގެ ދަށުން އާންމުކޮށް ހުޅުވާލައިގެން އެއްސަތޭކަ ފަންސާސްހާސް ސުކުކް ވިއްކުމަށް ހަމަޖެހިފައިވާކަމަށެވެ. ޞުކޫކެއް ވިއްކުމަށް ހަމަޖެހިފައިވަނީ އެއްހާސް ރުފިޔާގެ މަގުންނެވެ.

އެޗްޑީއެފްސީގެ ޞުކުކް އެކުލެވިގެންވަނީ، ޝަރީއާގެ މުޟާރަބާގެ އުޞޫލްގެ މައްޗަށްކަމަށްވާއިރު، މުޟާރަބާގެ އުޞޫލަކީ އެއްފަރާތުން ރައުސުލްމާލު ފޯރުކޮށްދިނުމުން އަނެއްފަރާތުން ޝަރީޢާ އެއްގޮތްވާގޮތުގެ މަތިން އެކަށައަޅާފައިވާ މަޝްރޫޢު ހިންގުމެވެ. މަޝްރޫޢު ހިންގައިގެން ލިބޭ ފައިދާ ބަހާނީ އެއްބަސްވެފައިވާ ގޮތުގެ މަތިންނެވެ.

އެޗްޑީސީއެފްސީއަކީ ގެދޮރުގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އެޗްޑީއެފްސީން ވަނީ ދެހާސް ތޭރަވަނަ އަހަރުވެސް 51.97 މިލިއަން ރުފިޔާގެ ޞުކޫކް ވިއްކާފައެވެ. އެއީ އަހަރަކު 7.5 އިންސައްތައިގެ އިންޓްރަސްޓް ރޭޓްގެ ފައިދާ ލިބޭގޮތަށެވެ. އެފަހަރު ވަކި ފަރުދުންގެ 8 ފަރާތަކާއި، އެއް މުއައްސަސާއިން ސުކޫކް ގަނެފަވާކަމަށް އެޗްޑީއެފްސީން މައުލޫމާތުދެއެވެ.