ދީން

ސަޢޫދީ ޢިލްމުވެރިއެއްގެ ޚާއްސަ ދަރުސެއް ބާއްވަނީ


ސަޢުދީ ޢަރަބިޔާގެ އުއްމުލްޤުރާ ޔުނިވަރސިޓީގެ ޢަރަބި އިންސްޓިޓިއުޓްގެ ޑީން، އަދި މަސްޖިދުލްޙަރާމްގެ މުދައްރިސް ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލްޙަކީމް ބުޚާރީ ހާއްސަ ދަރުހެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އިސްލާމީ އެއްބައިވަންތަކަމާއި އޭގެ ސަބަބުން މުޖްތަމައަށް ކުރާ އަސަރުތައް މި މައުޟޫއަށް ބައްވާ ދަރުސް އޮންނާނީ އަންނަ ހުކުރުދުވަހުގެ ރޭ ކަމަށެވެ. އާއްމުކޮށް ހުޅުވަލައިގެން ބާއްވާ މި ދަރުސް އޮންނާނީ އިސްލާމީ މަރުކަޒުގައިކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުގެ ދައުވަތަކަށް މިހާރު ރާއްޖެވަޑައިގެން އުޅުއްވާ ޑރ ހަސަން ބިން އަބްދުލް ހަމީދު މިއަދުވަނީ ޑރ ޒިޔާދާއި ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އިސްލާމީ ތާރީޚާއި ގުޅޭ މަޢުލޫމާތު ޑރ. ޙަސަން އާ ހިއްސާކުރައްވާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.

ޑރ. ޙަސަންގެ މިދަތުރުފުޅުގައި ރާއްޖޭގެ ދީނީ ބައެއް މުއައްސަސާތަކާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރެގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި އިސްލާމިކް ޔުނިވަރސިޓީ ހިމެނެއެވެ. އަދި ބައެއް އެން.ޖީ.އޯތަކާއިވެސް ޑރ. ޙަސަން ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޑރ. ޙަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލް ޙަކީމް ބުޚާރީ އަކީ އުއްމުލްޤުރާ ޔުނިވަރސިޓީގެ ޑީންއެއްގެ އިތުރުން މަސްޖިދުލްޙަރާމްގެ މުދައްރިސްކަން ކުރަށްވަމުންގެންދަވާ ބޭފުޅެކެވެ. އަދި ސައުދީގެ ތަފާތު ދީނީ ކައުންސިލްތަކާއި މަޖިލިސްތަކުގައި މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި 1436 ވަނަ އަހަރު މަސްޖިދުލްހަރާމްގައި އިމާމްވެ ތަރާވީހު ނަމާދުވެސް ކުރައްވާފައިވަނީ ޑރ ހަސަން ބިން ޢަބްދުލްޙަމީދު ބިން ޢަބްދުލް ޙަކީމް ބުޚާރީއެވެ.