ކުޅިވަރު

ބާސެލޯނާ އާއި އެކު ކޮންޓްރެކްޓް އާ ކުރުމަށް މެސީ އެއްބަސްވެއްޖެ


ބާސެލޯނާގެ މަޝްހޫރު ތަރި ލަޔަނަލް މެސީ އެކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާ ކުރުމަށް އެއްބަސްވެއްޖެއެވެ.

އާޖެންޓީނާގެ ރޮސާރިއޯގައި ކައިވެނިކުރުމަށްފަހު އަންހެނުންނާއެކު ހަނީމޫން ހަދަމުންދާ މެސީ ބާސެލޯނާ އާއެކު ކުރިން ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އޮތީ އެންމެ އަހަރެކެވެ.

އެހެންނަމަވެސް މިހާރު މެސީ އާއި އެކު ކޮންޓްރެކްޓް އާކުރުމާ ބެހޭގޮތުން އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ބާސެލޯނާއިން ވަނީ ބުނެފައެވެ.

މީޑިއާ ރިޕޯޓްތަށް ބުނާގޮތުން މެސީގެ އާކޮންޓްރެކްޓާއެކު އޭނާއަށް ހަފްތާއަކު 500 ހާސް ޕައުންޑް ލިބިގެންދާނެއެވެ. އަދި މެސީގެ ރިލީސް ކްލޯސް ތިންސަތޭކަ މިލިއަން ޔޫރޯއަށް އިތުރު ކުރެވޭނެއެވެ.

ނިމިގެންދިޔަ ސީޒަންގައި މެސީ ވަނީ ސްޕެނިޝް ލީގުގައި 37 ލަނޑު ކާމިޔާބުކޮށް ޔޫރަޕްގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ހޯދާފައެވެ.

އުމުރުން 13 އަހަރުގައި ބާސެލޯނާ އާއި ގުޅުނު މެސީ ވަނީ ބާސެލޯނާ އާއެކު ކްލަބް ލެވެލްގައި ހޯދޭނެ ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ.

 އުމުރުން 30 އަހަރުގެ މެސީ ބާސެލޯނާ އާއެކު އާކުރަން ތައްޔާރުވަމުންދާ ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު އޭނާގެ އުމުރުން 34 އަހަރު ވާނެއެވެ.