ތަޢުލީމު

އެޑިއުކޭޝަން މިނިސްޓަރ އައްޑޫސިޓީއަށް ވަޑައިގެންފި


އައްޑޫސިޓީގެ ސްކޫލްތަކުގެ ނަތީޖާ މިހާރަށްވުރެ ރަނގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމް، އައްޑޫސިޓީއަށް ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅަކީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން ކުރައްވާ ދަތުރުފުޅެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މިނިސްޓަރގެ ދެ ދުވަހުގެ މި ދަތުރުފުޅުގައި އައްޑޫސިޓީ ސްކޫލްތަކުގެ އިސްވެރިންނާ ބައްދަލްކޮށް، އެ ސްކޫލްތަކުގެ ދަރިވަރުންގެ ނަތިޖާ ރަގަޅު ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި އެ ސްކޫލްތަކުން ހޯދާފައިވާ ނަތީޖާތައް އަޅާކިޔާ، އެ ނަތީޖާތަކުގެ އަލީގައި ސަމާލުކަންދޭންޖެހޭ ކަންކަން ފާހަގަކުރުމަށްވެސް ހަމަޖެހިފައިވެއެވެ. އަދި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން، ކިޔަވައިދިނުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ފާހަގަކޮށް ނަތިޖާ ހާސިލްކުރުމަށް މަގުފަހި ކުރުމަށް މި މަޝްވަރާތަކުގައި ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު ޝިހާމާއެކު، އިސްކަންދަރު ސްކޫލުގެ އިސްވެރިންވެސް މި ދަތުރުގައި ބައިވެރިވެއެވެ.