ޚަބަރު

ސަރުކާރަށް އޮތް މެޖޯރިޓީ ގެއްލުވައެއް ނުލެވޭނެ - ޢަލީ ސަލީމް


ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މަޖިލިސް މެމްބަރުންގެ ޚިޔާލު ބަދަލުކޮށްލި ނަމަވެސް ރައްޔިތުން މަޖިލީހުގައި ސަރުކާރަށް އޮތް މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ގެއްލުވާ ނުލެވޭނެ ކަމަށް ފުނަދޫ ދާއިރާގެ މެމްބަރު ޢަލީ ސަލީމް ވިދާޅުވެއްޖެއެވެ. 

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަމުން ސަލީމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ ބޭނުމަކީ އެ ގޮނޑިއަށް ދަހިވެތިވެފައި ތިބި ބަޔަކު މަޖިލިސް ތެރޭގައި އުޅޭތީ ކަމަށެވެ. މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅީ މަޖިލިސް ރައީސްގެ އެއްވެސް މައްސަލައެއް ނުވަތަ މަޖިލީހުގެ އެއްވެސް މަސައްކަތަކަށް ހުރަސް އެޅޭތީ ނޫންކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ޚިޔާލު ބަދަލު ކޮށްލުމަށް އިދިކޮޅު ފަރާތްތަކުން ވަރަށް މަސައްކަތް ކުރަމުން އަންނަކަން ސަލީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސަރުކާރު ބައެއް މެމްބަރުން މިފަހަރު ޚިޔާލު ތަފާތުވި ނަމަވެސް ސަރުކާރަށް މަޖިލީހުގައި އޮތް ތާޢީދު ގެއްލުވާ ނުލެއްވޭނެ ކަމަށާއި މިހާރުވެސް މަޖިލީހުގެ ފުރިހަމަ ބާރު އޮތީ ސަރުކާރަށް ކަމަށް ސަލީމް ވިދާޅުވިއެވެ. 

މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު ފަރާތްތަކުން މިދިޔަ ހޯމަ ދުވަހު މަޖިލީހަށް ވައްދާފައި ވަނީ 45 މެމްބަރުންގެ ސޮއިއާއެކުގައެވެ. މަޖިލީހުގެ 85 މެމްބަރުން ތިބޭއިރު މަޖިލީހުގެ ސާފު އަގުލަބިއްޔަތަކީ 43 މެމްބަރުންނެވެ.