ދުނިޔެ

ކޮރެޔާއިން އަނެއްކާވެސް ޖަޕާނާ ދިމާލަށް މިސައިލެއް ފޮނުވާލައިފި


އުތުރު ކޮރެޔާއިން އަނެއްކާވެސް ޖަޕާނު ކަނޑަށް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފިއެވެ. 

އުތުރުކޮރެޔާއާ ވާދަވެރި ދެކުނު ކޮރެޔާގެ އަސްކަރިއްޔާއިން ބުނާގޮތުން މިސައިލް ފޮނުވާލާފައިވަނީ އުތުރު ކޮރެޔާގެ ހުޅަނގުގެ ސަރަޙައްދަކުން، އެޤައުމުގެ އިރުމަތީ އައްސޭރި ފަށާ ކައިރިއަށްކަމަށެވެ. ޖަޕާނު ސަރުކާރުން ބުނީ އުތުރު ކޮރެޔާއިން ފޮނުވާލި މިސައިލް ވެއްޓިފައިވަނީ ޖަޕާނުގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއަށްކަމަށާއި މިއީ ކަނޑައެޅިގެން އދ.ގެ ޤަރާރުތަކާ ޚިލާފު ކަމެއްކަމަށެވެ. 

ޚަބަރުތައް ބުނާގޮތުން އުތުރުކޮރެޔާއިން ފޮނުވާލި މިސައިލް 930 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއަކަށް ދަތުރުކޮށްފައިވެއެވެ. މިއީ އެންމެފަހުން އެޤައުމުން ޓެސްޓް ކުރި ބެލަސްޓިކް މިސައިލް ދަތުރުކުރި ރާސްތާއަށްވުރެ ދިގު ރާސްތާއެކެވެ. ސަރަޙައްދުގެ އެހެން ޤައުމުތަކާއި އދ. އަދި އެމެރިކާއިން ކޮރެޔާއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދެމުންދަނިކޮށް ކޮރެޔާއިން ޓެސްޓްކުރި މިސައިލަކީ މިއަހަރުގެ ތެރޭގައި އެޤައުމުން ފޮނުވާލި 11 ވަނަ މިސައިލެވެ. 

އުތުރުކޮރެޔާއަށް އަމާޒުވާ ފާޑުކިއުންތަކަށް ނުބަލާ އެޤައުމުން ދަނީ އެޤައުމުގެ މިސައިލް ޕްރޮގްރާމްތައް ހަލުއިކުރަމުންނެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި ކޮރެޔާއިން ދަނީ ނިއުކްލިއަރ ވޯ ހެޑަކާއެކު އުދުއްސާލުމަށް އިންޓަރ ކޮންޓިނެންޓަލް ބެލަސްޓިކް މިސައިލެއް ނުވަތަ ދުރު ރާސްތާ މިސައިލެއް ތައްޔާރުކުރަމުންނެވެ. މިއީ ސީދާ އެމެރިކާއަށް ޙަމަލާދިނުމުގެ ޤާބިލްކަން ލިބިފައިވާ މިސައިލެއްކަމަށްވެސް ތަޖުރިބާކާރުން ބުނެއެވެ.