ޚަބަރު

ޕެންޝަން އޮފީހުގެ ޗެއަރޕާސަންގެ މަޤާމަށް ބޭފުޅަކު ހޯދަނީ


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޕެންޝަން އޮފީހުން ނެރުއްވާފައިވާ އިޢުލާނެއްގައިވާ ގޮތުން މިހާރު އެކުލަވާލާފައިވާ ބޯޑުގެ ޗެއަރޕަރސަންގެ ދައުރު މިއަހަރުގެ އޯގަސްޓް މަހުގެތެރޭގައި ހަމަވާތީ، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާފައިވާކަމަށެވެ.

ޗެއަރޕަރސަން ޢައްޔަން ކުރައްވަނީ، އެކަމަށްޓަކައި އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީއަކުން ހޮވާ، އަދި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީން ފާސްކުރެއްވުމަށްފަހު ހުށަހަޅުއްވާ ނަންތަކެއްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިޚުތިޔާރުކުރައްވާ ބޭފުޅެކެވެ.  

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމަށް ކުރިމަތިލާން ޝަޢުޤު ވެރިވެވަޑައިގަންނަވާ ފަރާތްތަކުން މިމަހުގެ ތޭރަވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން އެޕްލިކޭޝަން ހުށަހެޅުމަށް ޕެންޝަން އޮފީހުން އެދެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ހިންގަމުން ގެންދަނީ 8 މެންބަރުންގެ މައްޗަށް އެކުލަވާލެވިފައިވާ ބޯޑެއްގެ ބެލުމުގެ ދަށުންނެވެ. މިބޯޑުގައި ހިމެނެނީ ބޯޑުގެ ޗެއަރޕަރސަންއާއި، ސެކިއުރިޓީސް މާރކެޓް ރެގިއުލޭޓަރގެ އިސް މުވައްޒަފަކާއި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި، ސޯޝަލް ސެކިއުރިޓީއާބެހޭ ކަންތައްތައް ބަލަހައްޓާ މިނިސްޓްރީގެ ސިވިލް ސަރވިސްގައި ހިމެނޭ އިސް މުވައްޒަފަކާއި އަދި ދައުލަތުގެ ވަޒީފާއެއް އަދާނުކުރައްވާ، ސަރުކާރުގެ ވަޒީފާއެއްގައި ނޫޅުއްވާ، ޕްރައިވެޓް ސެކްޓަރ ތަމްސީލުކުރައްވާ 4 ބޭފުޅުންނެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމުގައި މިހާރު ހުންނެވީ އާތިފާ އަލީއެވެ.