ޚަބަރު

ތިލަފުށީގައި ކްލިނިކް ހިންގާނެ ބަޔަކު ހޯދަނީ


ތިލަފުށީގައި ޤާއިމުކުރާ ކްލިނިކްގެ މަސައްކަތް ނިންމާ އެތަން ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ތިލަފުށީ ކޯޕަރޭޝަނުން ބުނެފިއެވެ. 

ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓްރ އަޙްމަދު ނާސިފް ވިދާޅުވީ ކްލިނިކްގެ މަސައްކަތް އެއްކޮށް ނިންމައި ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެތަނުން ޚިދުމަތް ދޭން ފެއްޓޭވަރުވާނެކަމަށެވެ. ސިނާއީ ގިނަ މަސައްކަތްތަކެއް ކުރާ ތިލަފުށީގައި ޤާއިމުކުރާ މިކްލިނިކުން ފުރަތަމަ މަރުހަލާގައި ދޭންޖެހޭ ސިއްޙި ޚިދުމަތްތައް ލިބެން ހުންނާނެއެވެ.

ތިންހާހާއި ހަތަރުހާހާއި ދެމެދުގެ އާބާދީއެއް އޮންނަ ތިލަފުށީގައި މަސައްކަތްކުރާ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ދައްޗަކީ ތިލަފުށިން ސިއްޙީ ޚިދުމަތް ލިބޭނެ ގޮތެއް ނެތުމެވެ. ސިއްހީގޮތުން ކިތަންމެ ކުޑަކަމެއް ދިމާވި ނަމަވެސް ޖެހެނީ ދަތުރު ހަދައިގެން މާލެ އަންނާށެވެ. މި ހަރަދަށް ބެލި ނަމަވެސް އެތައް ގުނަ ބޮޑު އެހާމެ ގިނަ ތަކްލީފެތަކެއް އުފުލަންޖެހޭކަމެއްކަމަށް ތިލަފުށީގައި މަސައްކަތްކުރާ މީހުން ބުނެއެވެ.

ތިލަފުށި ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެރަށުގައި މަސައްކަތްކުރާ ކުންފުނިތަކުގެ މުއައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިލަފުށި ކޯޕަރޭޝަނުން ގެންދަނީ ގިނަ މަސައްކަތްތައް ކުރަމުންނެވެ.

ސިއްޙީ ޚިދުމަތް ދިނުމަށް ތިލަފުށީގައި ޤާއިމު ކުރާ ކްލިނިކަކީ ތިލަފުށީގައި ތިބެގެން ސިއްޙީ ފަރުވާ ހޯދުމުގެ އިންތިޒާމް ފަހިކޮށްދިނުމަށް ޤާއިމު ކުރާ ކްލިނިކެކެވެ. ތިލަފުށި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ނާސިފް ވިދާޅުވީ ތިލަފުށީ ކޯޕަރޭޝަންގެ އަމާޒަކީ ދުވާލަކު 12 ގަޑިއިރު ޙިދުމަތްދޭ ފެންވަރުގެ ކްލިނިކަކަށް ހެދުންކަމަށެވެ. އަދި ކްލިނިކުގައި ޑޮކްޓަރަކާއި ނަރުހެއްގެ ޙިދުމަތް 12 ގަޑިއިރަށް ލިބޭނެގޮތަށް އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަލަށް ޤާއިމުކުރާ މި ކުލިނިކުގެ ހުރިހާ މަސައްކަތެއް ނިންމާ ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތްދޭ ފެއްޓުމަށް ތައްޔާރުވަމުންދާކަމަށް ތިލަފުށި ކޯޕަރޭޝަނުން ބުނެއެވެ.