ޚަބަރު

ވިއްސާރައިގެ ސަބަބުން ވިލިނގިއްޔާއި ފޮނަދޫގައި ފެންބޮޑުވެއްޖެ


ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ގއ.ވިލިނގިލީގެ 20 ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންވެއްޖެއެވެ.

ގއ.ވިލިނގިލީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ވިދާޅުވީ ފެންވަނުމުގެ ސަބަބުން ބައެއްގޭގެ ފަރުނީޗަރު ހަލާކުވެފައިވާކަމަށެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެ ފާޚާނާތަކުން ނަޖިސްބޭރުވުން ފަދަ މައްސަލަތައް ދިމާވަމުންދާކަމަށްވެސް ފުއާދު ވިދާޅުވިއެވެ. ރަށުގެ ގާތްގަނޑަކަށް 70 އިންސައްތަ ފެންބޮޑުވެފައިވާއިރު، ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުއާދު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14989848790757.jpg|ފުލުހުންނާއި އާއްމުން ފެން ހިންދުމުގެ މަސައްކަތުގައި ހަރަކާތްތެރިވަނީ / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ލ.ފޮނަދޫގައިވެސް ވަނީ ބޯކޮށް ވާރޭވެހި ފެންބޮޑުވެފައެވެ. މި ވިއްސާރައިގަ ފެންބޮޑުވުމުގެ ސަބަބުން އެރަށުގެ ވިއްސަކަށް ގެއަށް ފެންވަދެ އެކިވަރުގެ ގެއްލުން ވެފައިވެއެވެ. އެގޮތުން ބައެއް ގޭގޭގެ ފަރުނީޗަރަށް ގެއްލުންވެފައިވާއިރު 2 ގެއެއްގެ ފުރާޅަށްވެސް ވަނީ ގެއްލުން ލިބިފައެވެ. 

ވިއްސާރައިގައި ވައި ގަދަވުމުގެ ސަބަބުން މަގުތަކަށް ވެއްޓިފައިވާ ރުއް ގަސްނެގުމުގެ މަސައްކަތާއި ފެން ހިންދުމުގެ މަސައްކަތް، ފުލުހުންނާއި ސިފައިން އަދި އެމް.އާރު.ޑީ.ސީގެ މުވައްޒަފުންނާ ގުޅިގެން ކުރަމުންދާކަމަށްވެސް ފޮނަދޫ ކައުންސިލުން ބުނެއެވެ.