ވިޔަފާރި

މާލޭގެ ފިހާރަތަކާއި ކެފޭތަކުން އަނެއްކާވެސް 24ގަޑިއިރު ޚިދުމަތްލިބޭނެ ގޮތް





މާލޭގައި ހިންގާ ކެފޭ ތަކާއި ފިހާރަތަކުން ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭނެ ގޮތެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.


މާލެ ސިޓީ ކައުންސިލްގެ މެމްބަރު ޝަމާއު ޝަރީފް ވިދާޅުވީ ކައުންސިލްގެ ހަތަރުވަނަ ބައްދަލްވުމުގައި މި ހުއްދަ ދިނުމަށް ފާސްކޮށްފައިވާ ކަމަށާއި މި ނިންމުން ފާސްކޮށްފައިވަނީ ކައުންސިލްގެ އަޣްލަބިއްޔަތުން ކަމަށެވެ.


ސިޓީ ކައުންސިލް އިން މިކަން ފާސްވި ނަމަވެސް މިކަން ކުރެވެން އޮތީ އިކޮނޮމިކް މިނިސްޓްރީގެ ހުއްދަ  ލިބިގެން ކަމަށްވާތީ ކުރިއަށް އޮތް ހަފްތާ ތެރޭގައި މިކަމާއި ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީއާއި އެކު މަޝްވަރާ ބައްދަލްވުންތަކެއް ކުރިއަށް ގެންދާނެ ކަމަށް ޝަމާއު ވިދާޅުވިއެވެ. ޝަމާއު ވިދާޅުވީ ސިޓީ ކައުންސިލް އިން މިކަންކުރުމަށް މަސައްކަތް މިކުރަނީ މާލެ ސިޓީ އަކީ  ރާއްޖޭގެ ވެރިކަން ކުރާ ރަށްކަމަށްވެފައި، އަތޮޅުތަކުން މާލެއަށް އެކި ބޭނުން ތަކުގައި ގިނަ އަދަދެއްގެ ބަޔަކު އައިސްގޮސް ހަދާއިރު ސައްވީސް ގަޑި އިރު ހިދުމަތް ލިބޭނެ ފިހާރަތަކާއި ކެފޭތައް ހުރުމަކީ އާއްމުންނަށް ގިނަ ފަސޭހަތަކެއް ވާނެ ކަމެއް ކަމަށް ދެކޭތީ އާއި މިކަމަކީ ރައްޔިތުންގެ ގިނަ ބަޔެއްގެ އެދުމަކަށްވާތީ ކަމަށެވެ.


 
މިކަމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވީ އެ މިނިސްޓްރީގެ ހިޔާލްހުރީ އެފަދަ ހުއްދައެއް އަދި ދޭ ގޮތަކަށް ނޫން ކަމަށެވެ. އަދި ސިޓީ ކައުންސިލް އިން އެކަމާއި ގުޅޭ ގޮތުން މަޝްވަރާކުރަން ބޭނުންވާ ކަމުގެ އިޝާރާތެއްވެސް އަދި ލިބިފައި ނުވާ ކަމަށްވެސް އެމިނިސްޓްރީ އިން ހާމަކުރެއެވެ.


 
 


ފިހާރަތަކާއި ކެފޭތައް ސައުވީސް ގަޑިއިރު ހިންގުމުގެ ހުއްދަ ދިނުން އިކޮނޮމިކް މިނިސްޓްރީން ދެހާސް ބާރަވަނަ އަހަރު ހުއްޓާލީ، މާލޭގައި ނުރައްކާތެރި ކުށްތަކެއް ހިންގައި މަޖިލިސް މެމްބަރަކު އަވަހާރަކޮށްލުމާ ގުޅިގެން މުޖްތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިންނެވެ.