ޚަބަރު

ޤައުމީ ދިފާއީ ބާރަށް އަލަށް ތައާރަފްކުރި ނިޝާން އިފްތިތާޙްކޮށްދެއްވައިފި


  • ހަށިހެޔޮކަމުގެ އަސާސީ މިންގަނޑު ހިފެހެއްޓުމަށް ހިތްވަރުދިނުމަށް ތަޢާރަފްކުރި ނިޝާނެއް

"ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުން--

ދިވެހި ޤައުމީ ދިފާޢީ ބާރަށް އަލަށް ތަޢާރަފުކުރެއްވި ޝަރަފުގެ ނިޝާން "ހަށިހެޔޮކަމުގެ ކުލަ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. ސިފައިގެ އައު ޝަރަފްގެ ކުލަ އިފްތިތާޙްކޮށްދެއްވީ 133ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ހަށިހެޔޮކަމުގެ ކުލަ އަކީ ސިފައިންނަށް ދެމުންދާ ޝަރަފްގެ ނިޝާންތަކުގެ ތެރެއަށް މުޅިން އަލަށް ތަޢާރަފްކުރި ޝަރަފްގެ ނިޝާނެކެވެ. ޝަރަފްގެ ނިޝަންތައް ގިންތިކޮށް ތަރުތީބުކުރެވިފައިވާ ދާއިރާގެ ތެރެއިން އެޗީވްމަންޓް އެވޯޑްގެ ގިންތިއަށް އިތުރުކުރި ހަށިހެޔޮކަމުގެ ކުލައަކީ ހަށިހެޔޮކަމުގެ އަސާސީ މިންގަނޑުގެ އެންމެ މަތީ ފެންވަރުގައި ދަމަހައްޓާ ސިފައިންނަށް ދޭ ޝަރަފްގެ ނިޝާނެކެވެ.

"ހަށިހެޔޮކަމުގެ ކުލަ"

މިއީ ސިފައިންގެ ތެރޭގައި ހަށިހެޔޮކަމުގެ ދަރަޖަ މަތީފެންވަރުގައި ހިފެހެއްޓުމަށް ހިތްވަރުދިނުމަށާއި، ހަށިހެޔޮކަމުގެ ފެންވަރު މަތީ ދަރަޖާގައި ހިފަހައްޓާ ސިފައިންގެ ހިތްވަރުގަދަ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމެކެވެ.