ޚަބަރު

ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލު ކުރަން ފަށައިފި


ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް މިއަދު ޢަމަލު ކުރަން ފަށައިފިއެވެ.

ޖުމްލަ 30 ބާބުގެ މައްޗަށް އެކުލެވޭ ޖިނާޢީ އިޖުރާޢަތުގެ ބިލަކީ ޖިނާއީ ކުށް ތަހުގީގު ކުރުމާއި ޖިނާއީ ކުށުގެ ދައުވާ އުފުލުމާއި އެފަދަ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެކެވެ. މިފަދަ ޤާނޫނެއް ވުޖޫދަށް ގެނައުމުގެ މަޤުޞަދަކީ ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ތަޙްޤީގުތައް ކުރިއަށް ގެންދިޔުމަށް މަގުފަހި ކުރުމާއި، އެފަދަ ތަހުޤީގުތައް ހަރުދަނާ ގޮތެއްގައި އަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދަން ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.

ކުށުގެ ތުހުމަތުގައިވާ ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން ނާންނާނެ ގޮތުގެމަތިން ޖިނާއީ ކުށުގެ ދަޢުވާ އުފުލުމަށް ބާރު އެޅުމާއި، އެފަދަ ދައުވާތައް، ހަރުދަނާއަދި އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ އުސޫލުތައްވެސް މި ޤާނޫނުގައި ވަނީ ކަނޑައަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް، ޖިނާއީ އިޖުރާއަތުގެ ޤާނޫނު ތަސްދީޤު ކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ ދެވަނަ ދުވަހުއެވެ.