ޚަބަރު

ހިއުމަން ރައިޓްސް ކުއިޒް މުބާރާތް، ޢަރަބިއްޔާ ކާމިޔާބުކޮށްފި


އިންޓަރ ސްކޫލް ހިއުމަން ރައިޓްސް ކުއިޒް މުބާރާތް 2017 ގެ ޗެމްޕިއަންކަން އަލްމަދަރުސަތުލް ޢަރަބިއްޔަތުލްއިސްލާމިއްޔާ ހޯދައިފިއެވެ. 

ޢަރަބިއްޔާ ސްކޫލު ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލްގައި ތާޖުއްދީން ސްކޫލާ ވާދަކޮށް 5 މާކްސްގެ ތަފާތަކުންނެވެ. ޢަރަބިއްޔާ ހޯދީ 80 މާކްސްއެވެ. 

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)އާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރސީއެމް) ގުޅިގެން ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ ހިއުމަން ރައިޓްސް ކުއިޒް މުބާރާތަކީ، ޢާއްމުން އިންސާނީ ޙައްޤުތަކާ ގުޅޭގޮތުން ހޭލުންތެރިކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި 2012 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މުބާރާތެކެވެ. 

މި އަހަރުގެ މުބާރާތުގައި 8 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އެއީ ޢިމާދުއްދީން، ތާޖުއްދީން، އިސްކަންދަރު، މުޙްޔިއްދީން، ޢަރަބިއްޔާ، އަޙްމަދިއްޔާގެ އިތުރުން ވިލުފުށި ސްކޫލާއި ރެހެންދި ސްކޫލެވެ. 

އިންޓަރ ސްކޫލް ހިއުމަންރައިޓްސް ކުއިޒް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ހޯޕް ފޮރ ވިމަންގެ ކޯ ފައުންޑަރ މެމްބަރ އަނީސާ އަހުމަދެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަނީސާ ވިދާޅުވީ، ރައްޖޭގެ ޤާނޫނުތަކުން އިންސާނީ ޙައްޤުތައް ވަރަށްބޮޑަށް ޙިމާޔަތްކޮށްފައިވާކަމަށެވެ. އަނީސާ ވިދާޅުވީ ޙައްޤުތަކުގެ ވާހަކަދައްކާއިރު، ޒިންމާގެ ވާހަކަވެސް ދައްކަން ޖެހޭކަމަށެވެ. 

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް ވިދާޅުވީ ދިވެހިންނަކީ ވަކި އުސޫލަކަށް ވަކި ގޮތްތަކަކަށް އަބަދުވެސް ކަންކަން ކުރަމުން އަންނަ ބައެއްކަމަށެވެ. ކުއިޒްގެ މުހިންމުކަމުގެ މައްޗަށް ވާހަކަދައްކަވަމުން އިކްރާމް ވިދާޅުވީ ހިއުމަން ރައިޓްސް ފަދަ ކުއިޒް ތަކަކީ އަންނަން އޮތް ޖީލުތަކަށް، އިންސާނީ ހައްޤުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެއްކަމަށެވެ. 

މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމާއި ރަނަރއަޕް ޓީމުން ބުނީ މިއީ ވަރަށްގިނަ މަޢުލޫމާތު ލިބުނު މުހިންމު މުބާރާތެއްކަމަށެވެ.

8 ސްކޫލް ބައިވެރި މި ކުއިޒްގައި ސެމީފައިނަލަށް ދަތުރުކުރި ޓީމްތަކުގެ ތެރޭގައި ތާޖުއްދީން، ޢިމާދުއްދީން، އަޙްމަދިއްޔާ، ޢަރަބިއްޔާ ހިމެނެއެވެ. މިއަހަރުގެ މުބާރާތަކީ ވަރަށް ތަފާތު އަދި ކާމިޔާބު މުބާރާތެއްކަމަށްވެސް އެޗްއާރސީއެމުން ފާހަގަކުރެއެވެ. 

މިއަހަރުގެ މުބާރާތް ބާއްވާފައިވަނީ ހޯޕްފޮރ ވިމަންގެ އެހީތެރިކަމާއެކުއެވެ. އަދި މި މުބާރާތުގެ ރެކޯޑިންގް ދިވެހި ރާއްޖޭގެ އަޑު މެދުވެރިކޮށް ފޮނުވަމުންދާނެއެވެ.